ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި ޖަލަށްލި ނޫސްވެރިޔާ ލީވާން ދޫކޮށްލައިފި

”އަދަދު“ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރަށް އިއްވި ދިހަ ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން މިއަދު ހެނދުނު އޭނާ ޖަލުން ދޫކޮށްލައިފިއެވެ.
ލީވާން ޖަލަށްލީ ”އަދަދު“ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ހަބަރު ގެނެސްދިން ގޮތުން، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައެވެ. ކްރިމިނަލް ކޯޓުގެ އެ އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށް ވެސް އެ އަމުރުގައިވެއެވެ. ލީވާނަށް ދިހަ ދުވަހުގެ ޖަލު ހުކުމެއް އިއްވީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
މާފުށީ ޖަލުގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލީ ހުޅުމާލެ ޖަލަށް ގެނައުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ލީވާން ޖަލަށްލި ދުވަހު ”އަދަދު“ ނޫހުގެ އެހެން ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ޝަހުޒާން ވެސް ވަނީ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ޖަލަށްލައިފައެވެ. ޝަހުޒާން ޖަލަށްލީ އެ ޑޮކިއުމެންޓްރީއާ ގުޅޭ ސުވާލުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒާ ކުރެއްވުމާ ގުޅިގެންނެވެ. އޭނާއަށް އިއްވީ 15 ދުވަހުގެ ޖަލު ހުކުމެކެވެ.
ޑޮކިއުމެންޓަރީގެ މައްސަލައިގައި ”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލައިފައެވެ. ކުރިން ފުލުހަށް ހާޒިރުކުރުމުން އެ ދެ ބޭފުޅުން ވަނީ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ދަށުން ހަނު ހުރުމުގެ އިހުތިޔާރު ބޭނުންކޮށްފައެވެ. ކްރިމިނަލް ކޯޓުގައި މިހާރު ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ