އީރާން-އެމެރިކާގެ އެއްބަސްވުމަކަށް ބާރުއެޅުމަށް ގަތަރުގެ ވަފުދެއް ތެހެރާނަށް

އީރާނުގައި މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެކުލަވާލާ އެއްބަސްވުމަކަށް ވާސިލުވުމަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާއާ ގުޅިގެން ގަތަރުގެ މަޝްވަރާ ޓީމެއް އިއްޔެ އީރާނަށް ގޮސްފައިވާ ކަމަށް މިކަމާ ގުޅޭ މައުލޫމާތު ހުރި އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވެއްޖެ އެވެ.
އެ އޮފިޝަލް ހާމަކުރެއްވި ގޮތުގައި، މި ވަފުދުން މަސައްކަތް ކުރަމުން އަންނަނީ ހަނގުރާމަ ހުއްޓާލުމަށާއި އީރާނާ އެކު ހުރި މުހިންމު މައްސަލަތަކަށް ހައްލެއް ހޯދުމަށް ފަހުގެ އެއްބަސްވުމަކަށް އައުމަށެވެ.
މި ހަނގުރާމައިގެ ތެރޭގައި އީރާނުން ދިން މިސައިލާއި ޑްރޯން ހަމަލާތަކެއް ގަތަރަށް އަމާޒުވުމާ ގުޅިގެން، މީގެ ކުރިން ގަތަރުން ވަނީ މެދުވެރިއެއްގެ ދައުރު އަދާކުރުމާ ދުރަށް ޖެހިފަ އެވެ. އެ ހަމަލާތަކުގައި ގަތަރުގެ އާންމު އުމްރާނީ ވަސީލަތްތަކަށް ގެއްލުންވެ، ގުދުރަތީ ގޭސް (އެލްއެންޖީ) އެކްސްޕޯޓް ކުރުމުގެ ގާބިލުކަން ގާތްގަނޑަކަށް %17 ދަށްވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިދިޔަ 28 ފެބްރުއަރީގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު ހަނގުރާމަ ފެށުނު ފަހުން، ނާޒުކު ހާލަތެއްގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އީރާނުގެ ޔޫރޭނިއަމް މުއްސަނދިކުރުމުގެ ޕްރޮގްރާމާއި ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ މައްސަލަތަކުގައި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އިއްޔެ ވިދާޅުވީ މަޝްވަރާތަކުން "ބައެއް ރަނގަޅު ނިޝާންތައް" ފެންނަމުން އަންނަ ކަމަށެވެ. ނަމަވެސް، މާ ބޮޑަށް އުންމީދު ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
"ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ވާނުވާ ބަލަމާ ހިނގާ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މި މަޝްވަރާތަކުގައި މައިގަނޑު މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނަށް ތައުރީފު ކުރައްވަމުން ރޫބިއޯ ވިދާޅުވީ، އިސްލާމްއާބާދުން ކުރަމުން އަންނަނީ ތައުރީފު ހައްގު މަސައްކަތެއް ކަމަށެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބޮޑެތި ބުރޫތަކެއް ވަނީ އަރާފަ އެވެ. އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން އެތައް ހާސް ފަޅުވެރިންނެއް ތާށިވެ، ގަލްފު ސަރަހައްދުން ބޭރުކުރާ ގިނަ އަދަދެއްގެ ގޭސް އެކްސްޕޯޓް ވަނީ ހުއްޓިފަ އެވެ. ހަނގުރާމައިގެ ކުރިން ދުނިޔޭގެ ގޭހުގެ ވިޔަފާރީގެ ގާތްގަނޑަކަށް %20 ހިނގަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. އޭގެ ބޮޑު ބައެއް ހިއްސާކުރަނީ ގަތަރެވެ.
ގަތަރަކީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ 'އަލް އުދެއިދު އެއާ ބޭސް' ހުންނަ ގައުމެވެ. އަދި އެ ގައުމަކީ މި ސަރަހައްދުގައި އެމެރިކާއަށް އޮތް މުހިންމު ބައިވެރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ