ރައްޔިތުންގެ ފައިދާއަށް ކުރާކަމަކަށް މަރުހަބާ ކިޔުންވެސް އެމްޑީޕީއަށް ވަނީ މަނާކަމަކަށް: މުންދު

ސަރުކާރުން ކުރިއަށްގެންދާ ރައްޔިތުން ބަލައިގަންނަ، ފައިދާހުރި ކަންކަމުގައިވެސް އިދިކޮޅު އެމްޑީޕީން މަރުހަބާ ކިޔުމަށް ފަސްޖެހޭ ކަމަށް ވިދާޅުވެ، ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ޝަރީފް (މުންދު) ފާޑުވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ތަރުޖަމާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ރައްޔިތުންނަށް ފައިދާވާ ކަންކަމުގައިވެސް އެމްޑީޕީގެ ރައުޔު ތަފާތުވީނަމަވެސް އެކަމަށް މަރުހަބާ ކިޔުން އެއީ އެ ޕާޓީއަށް މަނާކަމެއްގެ ގޮތުގައި އޮންނަ ކަމެއް ކަމަށް ހީވާ ކަމަށެވެ.
މުންދު ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީއަކީ ހުރިހާ ކަމަކަށް އިދިކޮޅު ހަދަންޖެހޭ ބައެއް ނޫން ކަމަށާއި، ސަރުކާރުން ކުރާ ކަންކަމަށް ފާޑުކީ ނަމަވެސް ކޮންމެވެސް ”ކޮމަން ގްރައުޑް“ އެއް އޮންނަންވާނެ ކަމަށެވެ. ޒިންމާދާރު ސިޔާސީ ޕާޓީއަކީ ވާދަވެރިކަމެއް އޮތް ނަމަވެސް، މުހިންމު ކަންކަމުގައި އެއީ ރަނގަޅު ކަމެއްކަން ގަބޫލުކުރާ ބައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީން ހުރިހާ ކަމަކަށް ދެކޮޅު ހަދާތީ އެކަމާ ރައީސުލްޖުމްހޫރިއްޔާވެސް ސުވާލު އުފައްދަވާ ކަމަށް މުންދު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ކޮވިޑް-19 ގެ ދުވަސްވަރު އޭރުގެ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ރަނގަޅު ކަންކަމަށް ޕީޕީއެމް/ޕީއެންސީން މަރުހަބާ ކިޔާފައިވާ ކަމެވެ. ”އޭރު ރަނގަޅު ނިޔަތުގައި ނެންގެވި ފިޔަވަޅުތަކަށް އަޅުގަނޑުމެން މަރުހަބާވެސް ކީން،“ މުންދު ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ރާއްޖޭގައި މިއޮތީ ސެންޓަރ ލެފްޓް އަދި ސެންޓަރ ރައިޓް ޕާޓީތަކެއް ނޫން ކަމަށާއި، ދެ ޕާޓީގެ ފިކުރުގައި މާބޮޑު ތަފާތެއް ނެތް ކަމަށެވެ. ”އަޅުގަނޑުމެންނަނީ ކޮމިއުނިސްޓް ޕާޓީއެއް ނޫން. ލައްކަ ޒަމާން ވެއްޖެ އަޅުގަނޑުމެން ނަން ތަފާތު ވިޔަސް ފިކުރު އެކައްޗެއް ގޮތުގައި އޮންނަތާ،“ އޭނާ ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕްގައި މިހާރު ތިއްބެވި ބޭފުޅުންނަކީވެސް ކޮންމެވެސް ހިސާބަކުން ޕީއެންސީގެ ފިކުރުގައި އުޅުއްވާފައިވާ ބޭފުޅުން ކަމަށެވެ. އެހެންކަމުން، ކޮންމެ ކަމެއްގައި ދެކޮޅުހެދުމަކީ މަސްލަހަތު ހިފެހެއްޓޭނެ ގޮތެއް ނޫން ކަމަށާއި، ރާއްޖޭގެ ގިނަ ބަޔަކަށް ކަމުދާ ކަންކަމަކީ ރަނގަޅު ކަންކަން ކަމަށް ބުނަން ކެރެންވާނެ ކަމަށް ވިދާޅުވެ އޭނާ ވާހަކަ ނިންމަވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ