އިންޑިއާގެ ބެންގަލޫރުގައި ހުންނަ ކެޕްޖެމިނީ ކެމްޕަސްގެ ތެރޭގައި ހިންގާ ޑޭކެއާ ސެންޓަރެއްގައި، ކުޑަކުދިންނަށް އަނިޔާކުރަމުންދިޔަ މައްސަލައެއް ފަޅާއަރުވާލި ވިސަލްބްލޯވަރު ވަޒީފާއިން ވަކިކޮށްފިއެވެ.
މި މައްސަލައާ ގުޅޭގޮތުން ޑިސްޓްރިކްޓް ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރު ތިލަކޭޝް ކުމާރު ވިދާޅުވީ، މި އަނިޔާތަކަކީ ވަރަށް ކުރީއްސުރެ ހިނގަމުން އަންނަ ކަންތައްތަކެއް ކަމަށެވެ. އެގޮތުން، މި މައްސަލާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ އަހަރުގެ ކުޑަކުދިން ދޮންނަ މެޝިނަށް ލައި ފެން ޖަހައި އަނިޔާކުރެއެވެ. މީގެއިތުރުން، ކުދިން ރޯން ފެށުމުން ނުވަތަ އަޑުގަދަކުރުމުން އެކުދިން ފާޚާނާތަކުގައި ބަންދުކޮށްގެންވެސް އަނިޔާކުރާކަމަށް ތަޙުޤީޤަށް ވަނީ އެނގިފައެވެ.
މި ޑޭކެއާ ސެންޓަރަކީ، ގާތްގަނޑަކަށް 50 އާއި 60 އާ ދެމެދުގެ އަދަދަކަށް ކުދިން ރަޖިސްޓްރީކޮށްފައިވާ ތަނެކެވެ. މީގެތެރެއިން، ދުވާލަކު 15 އާއި 20 އާ ދެމެދުގެ އަދަދަކަށް ކުދިން އެތަނަށް ޙާޒިރުވެއެވެ. މީގެކުރިން ވެސް މިފަދަ އަނިޔާތަކެއް ހިނގާކަމުގެ ޝައްކު ކުރެވުނު ނަމަވެސް، އެކަން ސާބިތުކުރެވޭ ވަރުގެ ހެއްކެއް މީގެކުރިން ލިބިފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން މިހާރު ވަނީ ފަސް ކެއާގިވަރުންގެ މައްޗަށް ފުލުހުން މައްސަލަ ހުށަހަޅާފައެވެ. އަދި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް ކަރްނާޓަކާ ސްޓޭޓް ކޮމިޝަން ފޯ ޕްރޮޓެކްޝަން އޮފް ޗައިލްޑް ރައިޓްސްއަށް ވަނީ ހުށަހަޅާފައެވެ. ކެޕްޖެމިނީ ކުންފުނިން ބުނެފައިވަނީ، މުވައްޒަފުންނާއި އެމީހުންގެ ޢާއިލާތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.
ހަމައެއާއެކު، މި ހާދިސާއާ ގުޅިގެން ތަޙުޤީޤަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސެންޓަރު ވަގުތީގޮތުން ބަންދުކޮށްފައިވާކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
އިންޑިއާގެ ޑޭކެއާއެއްގައި ކުޑަކުދިންނަށް އަނިޔާކުރި މައްސަލަ ފަޅާއަރުވާލި މީހާ ވަޒީފާއިން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ