ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް

ރާއްޖޭގެ ފަތުރުވެރިކަން ޗައިނާ މާކެޓުގައި ކުރިއަރުވައި އިތުރަށް ފުޅާކުރުމަށް ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ރަސްމީ ދަތުރެއްގައި ފުރައިފިއެވެ. މި ދަތުރުގައި ޗައިނާގެ އެއަރލައިންތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި ބައްދަލުކުރާނެއެވެ.
މިމަހުގެ 1 އިން 11 އަށް ކުރާ މި ދަތުރުގައި ސަރުކާރާއި، ސަރުކާރު ހިއްސާވާ ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލް ގައުމީ އެއަރލައިން، މޯލްޑިވިއަންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ޖަމިއްޔާތައް ބައިވެރިވެއެވެ. މި ދަތުރުގައި ރާއްޖޭގެ ވަފުދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަނީ، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހާރިސް މުޙައްމަދާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓު ކަމަށްވާ ޗަައިނާއަށް ކުރާ މި ދަތުރުގައި މިވަފުދުން އެ ޤައުމުގެ ތިން ސިޓީއަކަށް ޒިޔާރަތް ކުރާނެއެވެ. އެއީ، ވެރިރަށް ބެއިޖިންގ، ޝަންހާއ، އަދި ޗެންގްޑޫއެވެ.
މި ދަތުރަކީ، މެދުއިރުމަތީގެ މިހާރުގެ ހާލަތާ ގުޅިގެން ބައިނަލްއަޤުވާމީ ފަތުރުވެރި ކަމަށާއި، ދަތުރުފަތުރުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ކުރާ މުހިންމު މަސައްކަތުގެ ބައެއް ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއެކު ކުރިމަތިވާ މިފަދަ ގޮންޖެހުންތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މާކެޓުތަކާއި އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާނެ ފަހި މަގުތަކެއް ހޯދައިދިނުމެވެ. ވީއެމްސީން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރި ކަމަށް އޮތް އިތުބާރު ދަމަހައްޓައ،ި ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް މި ދަތުރުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށެވެ.
މި ދަތުރުގެ ތެރެއިން ޗައިނާ ސަރުކާރުގެ އިސްވެރިންނާއ،ި އެއަރލައިންތަކާއ،ި ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންގެ އިތުރުން ޓްރެވަލް ޓެކްނޮލޮޖީ ކުންފުނިތަކާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ސިޓީތަކުގައި ޚާއްސަ ނެޓްވޯކިންގ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ޗައިނާއިން 168,677 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ. މިއީ، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19.8 އިންސައްތައިގެ ކުރިއެރުމެކެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޗައިނާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ