މި ދުވަސްވަރު ގާތްގަނޑަކަށް 8،000 އެއްހާ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ކަމަށާއި އެއީ ހައްލު ހޯދަން ޖެހިފައިވާ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ކުރިން އޮންނަ ގޮތުން ނަމަ ކުއްޖަކު ސްކޫލަށް ނުދާކަން މިނިސްޓްރީއަށް ރިޕޯޓުކުރަނީ ދިގު މުއްދަތެއްގައި ސްކޫލަށް ހާޒިރުނުވާނަމަ ކަމަށް މިއަދު އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޝަފީއު ވިދާޅުވި އެވެ. ނަމަވެސް، މިހާރު އެކަން ބަދަލުކޮށް ކޮންމެ ދުވަހަކު ވެސް ސްކޫލަށް ހާޒިރުވާ އަދި ހާޒިރުނުވާ ކުދިން ދެނެގަންނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެންގެ ލެވެލްގައި ވެސް މިކަމާ ދޭތެރޭ ވިސްނަން އެބަޖެހޭ. ހާއްސަކޮށް ބެލެނިވެރިން ވިސްނާވަޑައިގަންނަވަން އެބަޖެހޭ. އަޅުގަނޑަށް އެނގޭ މިއީ ވޯލްޑް ކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް 8،000 ދަރިވަރުން ސްކޫލަށް ނުދިޔުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެކަން ހައްލުވާން ޖެހޭ،" ޝަފީއު ހާމަކުރެއްވި އެވެ.
ސްކޫލަށް ނުދެވޭ ކޮންމެ ދުވަހަކީ ދަރިވަރުގެ އުނގެނުމަށް ނޭދެވޭ އަސަރު ކުރާނެ ދުވަހެއް ކަމަށާއި ތަކުރާރުކޮށް އެކަން ހިނގާނަމަ ދަރިވަރުން ސްކޫލަށް ދިޔުމަށް ބޭނުންނުވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ. އެއީ ވަރަށް އުނދަގޫ ހާލަތަކަށް ވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.
"ވޯލްޑް ކަޕް މެޗުތައް ބަލާ ހިތްވާނެ ހުރިހާ ކުދިން ވެސް، އަޅުގަނޑުމެން ވެސް، ބެލެނިވެރިން ވެސް، އެހެން ނަމަވެސް ސްކޫލް ކަޓުވާލެވޭނެ ފަދަ ގޮތަކަށް، ނުދާ ފަދަ ގޮތަކަށް އެ ކަންކަން އިންތިޒާމު ނުކުރައްވައްޗޭ،" ޝަފީއު އިލްތިމާސް ކުރެއްވި އެވެ.
އެ 8،000 ދަރިވަރުންގެ ތެރެއިން 40 ޕަސެންޓު ދަރިވަރުންނަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުން ކަމަށް ޝަފީއު ވިދާޅުވި އެވެ. ސްކޫލަށް ނުދިޔުމަކީ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ވޯލްޑް ކަޕް މިފަހަރު ބާއްވަނީ އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ މެކްސިކޯ، ކެނެޑާ އަދި އެމެރިކާގަ އެވެ. އެ ގައުމުތަކުގައި މެޗުތައް ކުޅޭތީ ގިނަ މެޗުތައް ފަށަނީ ވަރަށް ދަން ގަޑީގަ އެވެ. އަދި ބައެއް މެޗުތައް ފަތިހާއި ހެނދުނު ދަރިވަރުން ސްކޫލުގައި ތިބޭ ގަޑިތަކުގައި ވެސް ފަށަ އެވެ.
ވޯލްޑް ކަޕް ދުވަސްވަރާއެކު 8،000 އެއްހާ ދަރިވަރުން ސްކޫލަށް ނުދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ