ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތައް އަރައިނުގަތުމަށް އެދިއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެކަހެރިވާ ފަދަ ޢަމަލުތައް މީސްމީޑިއާގައި ދައުރުވުމަކީ، ޝާމިލް މުޖުތަމައެއް ބިނާކުރުމަށް އެޅޭ ހުރަހެއް ކަމަށް މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ވިދާޅުވެއްޖެއެވެ.
ސިއްޙަތާއިބެހޭ ވުޒާރާއިން މިހެން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތް ރައްދުވާ ފަދަ މޭރުމަކުން ސޯޝަލް މީޑިއާގައި ކޮމެންޓުތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.
ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޮޓޯއާއި، ވީޑިއޯ ފަދަ ފޯސްޓުތަކަށް އާންމުންގެ ބައެއް ފަރާތްތަކުން މަލާމާތް ރައްދުވާ ފަދަ ބަހުރުވައަކުން ފާޑުކިޔަމުންދާތީ އެ ވުޒާރާއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ރާއްޖެއިން ބައިވެރިވެފައިވާ އެންމެހާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި، ގާނޫނު އަސާސީގެ 36ވަނަ މާއްދާއިން ޚާއްސަ ރައްކާތެރިކަމެއް ލިބިގެންވާ ފަރާތްތަކެކެވެ. އެ ފަރާތްތަކުގެ ކަރާމާތަށް އިޚްތިރާމް ކުރުމާއި، އަމިއްލަވަންތަކަމާއި، އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެ ފަރާތްތަކަށް ލިބިގެންވާ އަސާސީ ޙައްްޤެކެވެ.
ސިއްޙަތާއިބެހޭ ވުޒާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި ފުރައްސާރަ ރައްދުވާ ފަދަ ބަހުރުވަ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުން ކުރުމަކީ، އެފަރާތްތައް ޝާމިލުވާ ފަދަ މުޖުތަމައެއް ބިނާކުރުމަށް އެޅޭ ބޮޑު ހުރަހެކެވެ. އަދި މިފަދަ ކަންކަން މުޖުތަމައުގައި އާންމުވެގެން ދިއުމަކީ މިފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާތަކަށް އެކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެ ކަމެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ޢަމަލުތައް ހިނގަމުންދާތީ، އެ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލުން ވަނީ އެފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށް ގޮވާލައްވާފައެވެ. އަދި އެފަރާތްތަކުގެ ހައްޤުތައް ކަށަވަރު ކުރުމަށް ދައުލަތުން ކުރާ މަސައްކަތުގައި އެންމެހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށްވެސް އެ ކައުންސިލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ