ޑީއައިޕީގެ އާ ހޮސްޕިޓާލިޓީ އިންވެސްޓްމަންޓް ފަންޑު ތައާރަފްކޮށްފި، ފުރަތަމަ އިންވެސްޓްމަންޓް މާފުށީގައި އަޅާ ސިޓީ ހޮޓަލަކަށް

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ)އިން އެ ކުންފުނީގެ އައު ހޮސްޕިޓާލިޓީ އިންވެސްޓްމަންޓް ފަންޑު މިއަދު ތައާރަފްކޮށް، އެ ފަންޑުގެ ދަށުން އެންމެ ފުރަތަމަ އިންވެސްޓްމަންޓަކަށް ކަނޑައަޅައިފައިވަނީ ކ. މާފުށީގައި ތަރައްގީކުރާ 60 ކޮޓަރީގެ ސިޓީ ހޮޓަލެއްކަން ހާމަކޮށްފިއެވެ. ޑީއައިޕީގެ އައު ހޮސްޕިޓާލިޓީ ފަންޑު ތައާރަފުކުރީ މި ހަފުތާގެ ނިޔަލަށް ކުރިއަށްދާ މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯގައެވެ. ޑީއައިޕީން ބުނީ، މިއީ ދިވެހި އިންވެސްޓަރުންނަށް ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ފުޅާކުރުމަށް އެ ކުންފުނީގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި މުހިންމު ކާމިޔާބީއެއް ކަމަށެވެ. އެ ކުންފުނިން ބުނީ، މި ފަންޑު ފަރުމާކުރީ ހިއްސާގެ އުސޫލުން މިލްކުވެރިކަން ލިބޭ މޮޑަލެއްގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިކުއިޓީ އިންވެސްޓްމަންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިންވެސްޓަރުންނަށް ހޯދައިދިނުމަށް ކަމަށެވެ. އާންމުކޮށް ރިއަލް އެސްޓޭޓް މިލްކުކުރާ އުސޫލާ ޚިލާފަށް، މި ފަންޑުގެ ސަބަބުން ކުޑަ ކެޕިޓަލަކާއެކު ހޮސްޕިޓާލިޓީ އެސެޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިންވެސްޓަރުންނަށް ލިބިގެންދާނެ ކަމަށާއި، ޕްރޮފެޝަނަލްކޮށް ބެލެހެއްޓޭ އިންވެސްޓްމަންޓުތަކުން ލިބޭ ފައިދާވެސް ލިބޭނެ ކަމަށް، ޑީއައިޕީން ބުންޏެވެ. ދިވެހި އިންވެސްޓްމަންޓްގެ އައު ހޮސްޕިޓާލިޓީ ފަންޑު ތައާރަފްކުރުމުގެ ތެރެއިން --- ފޮޓޯ: ދިވެހި އިންވެސްޓްމަންޓްސް އިންވެސްޓަރުންނަށް އެމެރިކާ ޑޮލަރާއި ދިވެހި ރުފިޔާއިން ފައިދާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަން ފާހަގަކޮށް ޑީއައިޕީން ބުނީ، އޭގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުން އުފައްދާ ބޭރު ފައިސާގެ އާމްދަނީގެ މަންފާ ލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެއާއެކު، ޑީއައިޕީން ބުނީ، މިއަދު ތައާރަފްކުރި އައު ހޮސްޕިޓާލިޓީ ފަންޑުގެ ދަށުން ކުރާ ފުރަތަމަ އިންވެސްޓްމަންޓަކީ ލޯކަލް ޓޫރިޒަމް އެންމެ ހިނގާ އެއް ރަށް ކަމަށްވާ މާފުށީގައި ތަރައްގީކުރާ 60 ކޮޓަރީގެ ސިޓީ ހޮޓަލެއް ކަމަށެވެ. ޑީއައިޕީގެ ފަންޑުގެ ފުރަތަމަ އިންވެސްޓްމަންޓް މަންޒިލެއްގެ ގޮތުގައި މާފުށި އިޚްތިޔާރުކުރި ސަބަބެއް ކަމަށް އެ ކުންފުނިން ބުނީ، މާފުށްޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަރަމުންދާ، އޮކިއުޕަންސީ ލެވެލް މަތީގައި ހިފެހެއްޓިފައިވާ، އަދި ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެއް ލޯކަލް އައިލެންޑް ޓޫރިޒަމް މާކެޓަށް ވާތީއެވެ. މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކުރުމުގެ މަސައްކަތަށް ކުރި އިންވެސްޓްމަންޓުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޮސްޕިޓާލިޓީ ދާއިރާއިން ކުރަން ހުރި އިންވެސްޓްމަންޓްތައްވެސް ދެނެގަނެފައިވާ ކަމަށް ޑީއައިޕީން ބުންޏެވެ. މި ހޮސްޕިޓާލިޓީ ފަންޑަކީ ޑީއައިޕީގެ މިހާރުގެ ޕްރައިވެޓް އިންވެސްޓްމަންޓް އުފެއްދުންތަކަށް އިތުރުވެގެންދާ، އިންވެސްޓްމަންޓްގެ އައު ކެޓަގަރީއެއް ކަމަށް، އެ ކުންފުނިން ބުންޏެވެ. ދިވެހި އިންވެސްޓްމަންޓްގެ އައު ހޮސްޕިޓާލިޓީ ފަންޑު ތައާރަފްކުރުމުގެ ތެރެއިން --- ފޮޓޯ: ދިވެހި އިންވެސްޓްމަންޓްސް ކުރު މުއްދަތުގެ ޕްރައިވެޓް އިންވެސްޓްމަންޓްތަކުގެ ޒަރީއާއިން ކަނޑައެޅިފައިވާ ވަކި މިންވަރެއްގެ ފައިދާއެއް ހޯދައިދިނުމަށް ޑީއައިޕީގެ ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު (ދިނަފް) ބައްޓަންކޮށްފައިވާއިރު، ހޮސްޕިޓާލިޓީ ފަންޑު ބައްޓަންކޮށްފައިވަނީ ހޮސްޕިޓާލިޓީ އެސެޓްތަކުގެ ދިގު މުއްދަތުގެ ކުރިއެރުމާއި ކުރިއެރުމުގެ ނަތީޖާގައި އިންވެސްޓަރުންނަށް ސީދާ ގޮތެއްގައި ބައިވެރިވެވޭނެ ގޮތަށް ކަމަށް، ޑީއައިޕީން މައުލޫމާތުދެއެވެ. މި ފަންޑު ތައާރަފުކުރީ ދިނަފް އަށް މާކެޓުން ލިބުނު ބޮޑު ތަރުހީބަށް ފަހު ކަމަށް، ޑީއައިޕީން ބުންޏެވެ. އެ ކުންފުނިން ބުނިގޮތުގައި މި ފަންޑުގެ ދަށުން ފުރަތަމަ ނެރުނު 20 މިލިއަން ރުފިޔާގެ ސިލްސިލާ އެއްކޮށް ފުރިހަމަވުމާ ގުޅިގެން، އެ ކުންފުނިން ދާދިފަހުން ވަނީ 40 މިލިއަން ރުފިޔާ ހޯދުމުގެ އަމާޒަކާއެކު "ދިނަފް-48" ސިލްސިލާ ތައާރަފުކޮށްފައެވެ. އިންވެސްޓްމަންޓް ފަންޑުތަކުގެ އިތުރުން، ޑީއައިޕީން ބްރޯކަރޭޖް ޚިދުމަތްތައް ފޯރުކޮށްދީ ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ސެކަންޑަރީ މާކެޓުގެ ފުރުސަތުތައް އިންވެސްޓަރުންނަށް ފަހިކޮށްދީ، ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލު އިތުރަށް ކުރިއެރުވުމަށް އެހީތެރިވަމުން ކަމަށް، ޑީއައިޕީން ބުންޏެވެ. މި ހަފުތާ ބަންދުގެ ނިޔަލަށް މެންދުރުފަހު 3އިން ރޭގަނޑު 10އަށް އޮންނަ ފައިނޭންޝަލް އެކްސްޕޯގައި ޑީއައިޕީ ގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް މި ދެ އިންވެސްޓްމަންޓް ފަންޑާ ބެހޭ އިތުރު މައުލޫމާތު ހޯދުމާއި ހިއްސާގެ ވިޔަފާރިކުރުމުގެ ފުރުސަތުތައް ބަލައިލުމާއި ކުންފުނީގެ އިންވެސްޓްމަންޓް ޕްރޮފެޝަނަލުންނާ ސީދާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ޑީއައިޕީން ބުންޏެވެ. މި މައުރަޒު ކުރިއަށްދާ މުއްދަތުގައި، ޑީއައިޕީގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޕްރޮމޯޝަނަލް ގިވްއަވޭތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް، އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި ގިފްޓް ވައުޗަރުތަކާއި، ހއ. ހޯރަފުށީގައި ހުންނަ ބުޓީކް ގެސްޓްހައުސްއެއް ކަމަށްވާ "އަރާއިކް" ގައި ދެ ރޭ ހިލޭ ހުރުމުގެ ފުރުސަތު ލިބޭ ލަކީޑްރޯއެއް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ