މިއަހަރުގެ ޤައުމީ ގަރލް ގައިޑް ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވައިފިއެވެ. މިއަހަރަކީ މިއީ ޤައުމީ ފެންވަރުގައި ރާއްޖޭގައި ގަރލް ގައިޑް ދުވަހެއް ފާހަގަކުރާ ފުރަތަމަ އަހަރެވެ.
މިއަހަރުގެ ގަރލް ގައިޑް ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ގަރލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރގެ އިތުރުން، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ.
ގަރލް ގައިޑް އެސޯސިއޭޝަންގެ އިސްވެރިންނާއި، މާލޭގެ އެކި ސްކޫލްތަކުގެ ސްޓާސް، ލިޓިލް މެއިޑް، ގައިޑްސް އަދި ޔަންގް ލީޑަރުން މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ އާއިޝަތު ނަޝީދާ ވިދާޅުވީ، ގަރލް ގައިޑް ހަރަކާތަކީ ޒުވާން އަންހެން ކުދިން ބާރުވެރިކުރުވައި، ދިރިއުޅުމުގެ މުހިންމު ހުނަރުތައް އަށަގަންނުވައިދޭ ހަރަކާތެއްކަމަށެވެ.
މިއީ ކްލާސްރޫމްތަކުން ކިޔަވައިދޭ ފިލާވަޅުތަކާއި އެއްވަރަށް ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ހަރުފަތެއްކަމަށާއި، ގަރލް ގައިޑުންގެ ތެރޭގައި ކެބިނެޓް މިނިސްޓަރުންނާއި ޔުނިވަރސިޓީތަކުގެ އިސްވެރިންނާއި އަދި މިނޫންވެސް އެކި ފަންނުގެ މީހުން ހިމެނޭކަން ޗީފް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
"ގަރލް ގައިޑް ހަރަކާތަކީ ޒުވާން އަންހެން ކުދިން ބާރުވެރިކުރުވައި ދިރިއުޅުމުގެ މުހިންމު ހުނަރުތައް އަށަގަންނަވައި، ކްލާސްރޫމްތަކުން ކިޔަވައިދޭ ފިލާވަޅުތަކާއި އެއްވަރަށް ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ހަރުފަތެއް. ގަރލް ގަޑިޑުން ތެރޭގައި ކެބިނެޓް މިނިސްޓަރުންނާއި ޔުނިވަރސިޓީތަކުގެ އިސްވެރިންނާއި ޕްރިންސިޕަލުންނާއި، ޑޮކްޓަރުންނާއި ވިޔަފާރިވެރިންނާއި، އަދި މިނޫންވެސް ތަފާތު ފަންނުގެ މީހުންގެ ހިމެނޭ." އާއިޝަތު ނަޝީދާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ ގަރލް ގައިޑުންގެ ހުވާ އައުކޮށްފައެވެ. އަދި މިއަހަރުގެ ގައިޑަރސް ވޮރަންޓް ލިބިވަޑައިގެންނެވި 47 ލީޑަރަކަށް ބެޖާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ކުއަރޓަރ މާސްޓަރ އަދި ފަސްޓް އެއިޑް ބެޖް ޙަވާލުކޮށްފައިވާއިރު، 14 ފަރާތަކަށް ސަރވިސް އެވޯޑުވެސް ވަނީ ޙަވާލުކޮށްދެއްވާފައެވެ. އަދި ގައިޑިން ހަރަކާތްތަކަށް އެކިއެކި ގޮތްގޮތުން އެހީތެރިވެދެއްވި 5 ފަރާތަކަށް "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ވެސް ވަނީ ޙަވާލުކޮށްފައެވެ.
ޤައުމީ ގަރލް ގައިޑް ދުވަހުގެ ރަސްމިއްޔާތުގައ މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ އަހަރީ މަޖައްލާ އެނުއަލް ނިއުސް ބުލެޓިންއާއި، "ކޮމިއުނިޓީ ސަރވިސް ޓޫލް ކިޓް" ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ. ކޮމިއުނިޓީ ސަރވިސް ޓޫލް ކިޓް އިފްތިރާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދެވެ. އެނުއަލް ނިއުސް ބުލެޓިންއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަފާތު ހަރަކާތްތައް އެއްތަނަކުން ފެންނާނެ މަންސައެކެވެ.
ހަމައެހެންމެ "އޭޝިއާ ޕެސިފިކް އެވޯޑް" ލިބިވަޑައިގެންނެވި 7 މެންބަރަކަށް އެ އެވޯޑް ވަނީ ޙަވާލުކޮށްދެއްވާފައެވެ. މި އެވޯޑް އެފަރާތްތަކާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ގަރލް ގައިޑް އެސޯސިއޭޝަނަކީ، އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވާ އެކި ކަންކަމަށް ބާރުވެރި ކުރުމަށް ތަފާތު ހަރަކާތްތައް ހިންގާ އެސޯސިއޭޝަނެކެވެ. އެ އެސޯސިއޭޝަން އުފެދުނީ 1948 ވަނަ އަހަރުގައެވެ.
ގަރލް ގައިޑު ދުވަހުގެ ރަސްމިއްޔާތު ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ