ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ކުރާ ވިޔަފާރިތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ އާ ހިދުމަތެއް ކަމަށްވާ 'ބީއެމްއެލް ސްޕްލިޓް ޕޭ' ތައާރަފުކޮށްފިއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި، މި ހިދުމަތަކީ ކްރެޑިޓް ކާޑުން ކުރާ ހަރަދުތައް މެނޭޖުކުރުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ތައާރަފުކުރި ހިދުމަތެކެވެ. މި ހިދުމަތުގެ ދަށުން ކަސްޓަމަރުން ކުރާ ހަރަދުތައް ވަކި މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އާ ފީޗާގެ ދަށުން 1,500 ރުފިޔާ ނުވަތަ އެއަށްވުރެ މަތީގެ ވިޔަފާރިތައް، 3 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދެއްކޭނެއެވެ. ބޭންކުން ބުނި ގޮތުގައި މިއީ އަގުބޮޑު ތަކެތި ގަންނަ ކަސްޓަމަރުންނަށް މާލީ ގޮތުން ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
ސްޕްލިޓް ޕޭގެ ހިދުމަތް ލިބޭނީ ބީއެމްއެލް އިން ކަނޑައަޅާފައިވާ ސްޕްލިޓް ޕޭ ލިމިޓެއް އޮންނަ ކަސްޓަމަރުންނަށެވެ. ބީއެމްއެލް އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް، ވިސާ ނުވަތަ މާސްޓަރކާޑު ބޭނުންކޮށްގެން މި ހިދުމަތް ދޭ މާޗަންޓުންގެ އަތުން ކުރާ ވިޔަފާރިތައް، ފައިސާ ދެއްކުމަށްފަހު ވަގުތުން އިންސްޓޯލްމަންޓް ޕްލޭނަކަށް ބަދަލުކޮށްލެވޭނެއެވެ.
މި ހިދުމަތާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ކަސްޓަމަރުން ކުރާ ހަރަދުތައް ބަހާލައިގެން ދެއްކުމަށް ލިބިގެންދާ ފަސޭހަ މަގެއް ކަމަށާއި، މީގެ ސަބަބުން ކަސްޓަމަރުންގެ ބަޖެޓާއި މާލީ ކަންކަން ބެލެހެއްޓުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލް އިން ބުނީ ސްޕްލިޓް ޕޭ ތައާރަފުކުރުމަކީ އެ ބޭންކުގެ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންތައް ފުޅާކޮށް، ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭ އާދަޔާ ހިލާފު މާލީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ.
ބީއެމްއެލްއިން 'ސްޕްލިޓް ޕޭ' ގެ ހިދުމަތް ތައާރަފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ