ކީ-ސްޓޭޖް އެކެއްގެ ދަރިވަރުންގެ ފެންވަރު ބެލުމުގެ އިމްތިހާނެއް ބާއްވަނީ

ކީ-ސްޓޭޖް އެކެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ އުނގެނުމުގެ ނަތީޖާތައް ވަޒަންކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގެ އިމްތިހާނެއް މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން އެންޑް ހަޔަރ އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީއު އިއުލާނު ކުރައްވައިފިއެވެ.
މިނިސްޓަރު މިކަން އިއުލާނު ކުރެއްވީ 2025 ވަނަ އަހަރުގެ ކީ-ސްޓޭޖް ތިނެއްގެ ދަރިވަރުންގެ އުނގެނުމުގެ ނަތީޖާތައް ދިރާސާކޮށް އިވެލުއޭޓް ކުރުމަށްފަހު ތައްޔާރުކުރި ރިޕޯޓް ޝާއިއުކުރުމަށް ބޭއްވި ރަސްމީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ތައުލީމީ ސިޔާސަތަކީ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ތައުލީމީ ނިޒާމެއް ބިނާކުރުން ކަމަށެވެ.
ޑރ. ޝަފީއު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ކީ-ސްޓޭޖް އެކެއް އަދި ދޭއްގެ ދަރިވަރުންގެ އުނގެނުމުގެ ނަތީޖާތައް ވަޒަންކޮށްފައިވީ ނަމަވެސް، އެ ނަތީޖާތަކަށް ސިޔާސަތުތައް އެކުލަވާލުމުގައި އެކަށީގެންވާ މިންވަރަށް ރިއާޔަތްކޮށްފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ އެސެސްމަންޓްތަކަށްފަހު، އެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މަންހަޖަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ފަދައިން، ކީ-ސްޓޭޖް އެކެއްގެ ދަރިވަރުންނަށް ކިޔަވައިދޭ ގޮތްތައް ދަރިވަރުންނާއި މުދައްރިސުންނަށް ވެސް ފައިދާހުރި ގޮތަކަށް ބަދަލުކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި އިސްލާހުތައް ގެނައުމުގައި ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ހަދާފައިވާ އެސެސްމަންޓްތަކަށް ރިއާޔަތްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކީ-ސްޓޭޖް އެކެއްގައި ހިސާބު މާއްދާގެ ނަތީޖާ ނިސްބަތުން ދަށްކަމަށް ފާހަގަކުރެވިފައިވާތީ، މަންހަޖަށް ގެންނަ ބަދަލުތަކާއެކު އެ މާއްދާ ކިޔަވައިދިނުމަށް އިތުރު ވަގުތު ހާއްސަކުރާނެ ކަމަށެވެ. އަދި ހިސާބު މުދައްރިސުންގެ ފެންވަރު މަތިކުރުމަށް އިތުރު ތަމްރީނުތައް ދިނުމަށް ވަނީ ނިންމާފައެވެ.
ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ އިމްތިހާނުގެ ސަބަބުން، ރާއްޖޭގެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު އެހެން ގައުމުތަކުގެ އެ އުމުރުފުރާގެ ދަރިވަރުންނާ އަޅާކިޔުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން އިތުރަށް ރަނގަޅު ކުރަންޖެހޭ ދާއިރާތައް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ