ކާބޯތަކެތި ބަންދުކުރުމާއި ލޭބަލް ކުރުމުގެ އައު ގަވާއިދެއް އެކުލަވާލައިފ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކާބޯތަކެތި ބަންދުކުރުމާއި ލޭބަލް ކުރުމާ ގުޅޭ ހަރުކަށި އައު ގަވާއިދެއް ތައާރަފުކޮށް، އެ ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައިފިއެވެ. މި ގަވާއިދުގެ ދަށުން ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ މިންގަނޑުތައް މިހާރު ވަނީ އާންމުކޮށްފައެވެ.
އައު ގަވާއިދު ބުނާގޮތުން ރާއްޖެއަށް އެތެރެކުރާ، ބޭރުކުރާ، އުފައްދާ ނުވަތަ ވިއްކާ ހުރިހާ ކާބޯތަކެއްޗެއް ބަންދުކުރަންވާނީ ކާބޯތަކެތި ބަންދުކުރުމަށް ހާއްސަ 'ފުޑް-ގްރޭޑް' މެޓީރިއަލް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، ކާބޯތަކެތި ރައްކާކުރުމަށް ހާއްސަކޮށްފައި ނުވާ އެއްފަހަރު ބޭނުންކުރާ ޕީއީޓީ ފުޅި ފަދަ ތަކެތި ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުން މި ގަވާއިދުގެ ދަށުން ވަނީ މަނާކޮށްފައެވެ.
އާންމު ސިއްހަތަށް ނުރައްކާވާ ފަދަ އަމަލުތައް ކުރާ ކާބޯތަކެތީގެ ވިޔަފާރިތަކުގެ ލައިސަންސާއި ރަޖިސްޓްރީ ސަސްޕެންޑް ކުރުމުގެ ނުވަތަ ބާތިލްކުރުމުގެ ބާރު މި ގަވާއިދުން އެމްއެފްޑީއޭއަށް ލިބިދެއެވެ. ވަކިން ހާއްސަކޮށް، ގަސްތުގައި އޮޅުވާލައިގެން ލޭބަލް ޖަހާފައިވާ ކާބޯތަކެތި އެތެރެކުރުމާއި، އުފެއްދުމާއި، ބަންދުކުރުން ނުވަތަ ވިއްކުމަކީ ސީރިއަސް ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ގަސްތުގައި އޮޅުވާލައިގެން ލޭބަލް ޖަހާ ފަރާތްތައް ފުރަތަމަ ފަހަރަށް 10,000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 750,000 ރުފިޔާއިން ޖޫރިމަނާކޮށް ލައިސަންސް ސަސްޕެންޑް ކުރެވޭނެއެވެ. އަދި މިފަދަ އަމަލެއްގެ ސަބަބުން މީހެއްގެ ސިއްހަތަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައަށް ނުރައްކާވެއްޖެނަމަ، އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އެމްއެފްޑީއޭއަށް އޮންނާނެއެވެ.
ކާބޯތަކެތި ބަންދުކުރުމުގެ މިންގަނޑުތަކާ ހިލާފުވާ ފަރާތްތަކަށްވެސް ފުރަތަމަ ފަހަރު 5,000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅާފައިވާއިރު، ފަސްވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 100,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އާންމު ލޭބަލް ކުރުމުގެ ގަވާއިދާ ތަކުރާރުކޮށް ހިލާފުވާ ފަރާތްތަކަށް އެއް މިލިއަން ރުފިޔާގެ ޖޫރިމަނާއަކާއެކު ލައިސަންސް ބާތިލްކުރުމުގެ އަދަބު ލިބޭނެއެވެ.
މި ގަވާއިދަށް އަމަލުކުރަން ވަގުތުން ފެށި ނަމަވެސް، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން އައު މިންގަނޑުތަކަށް ފެތޭގޮތަށް ބަންދުކުރުމާއި ލޭބަލް ކުރުމުގެ ކަންކަން އިސްލާހުކުރުމަށް ހަ މަސް ދުވަހުގެ ފުރުސަތެއް އެމްއެފްޑީއޭއިން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ