އާ ޓާމިނަލުގެ ފެން ހޮޅި އިފްތިތާހުކުރަން އެމްއޭސީއެލް އިން ހަފުލާއެއް ބާއްވައިފި އާ ޓާމިނަލުގެ ފެން ހޮޅި އިފްތިތާހުކުރަން އެމްއޭސީއެލް އިން ހަފުލާއެއް ބާއްވައިފި

އަންނަ މަހު ހުޅުވަން ތައްޔާރަވަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލުގެ ފެންހޮޅި އިފުތިތާހުކުރަން އެމްއޭސީއެލް އިން ހަފުލާއެއް ބާއްވައިފި އެވެ.
ހުޅުލޭގައި އިއްޔެ މެންދުރުފަހު ބޭއްވި މި ހަފުލާގައި އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި އެވެ. ރަސްމީކޮށް ފެންހޮޅި އިފްތިތާހުކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.
އެ ހަފުލާގައި އޭނާ ވަނީ އެއާޕޯޓު އާ ޓާމިނަލުގެ މަސައްކަތް ނިންމުމަށް ކުރަމުންދާ މަސައްކަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވަމުން ގެންދަވާ އިރުޝާދަށް ޝުކުރު އަދާކުރައްވާފަ އެވެ.
އަދި، މި މަޝްރޫއު ނިންމުމަށް ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތަށް ޝަރީފު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. މި މަސައްކަތް ކޮށްފައިވަނީ އެމްއޭސީއެލްގެ ފެނާއި ނަރުދަމާއާ ބެހޭ ޓިޕާޓްމަންޓުގެ މުވައްޒަފުންނެވެ.
އަލަށް ގާއިމުކުރި ފެންހޮޅީގެ ޖުމްލަ ދިގުމިން 1،800 މީޓަރަށް އަރަ އެވެ. އޭގެތެރެއިން 635 މީޓަރު އަޅާފައިވަނީ ހުޅުލޭ ފަޅު ތެރޭގަ އެވެ.
އެމްއޭސީއެލް ބުނާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ފުރިހަމަ ގޮތެއްގައި އާ ޓާމިނަލަށް ބޯ ފެން ލިބިގެންދާނެ އެވެ.
މިފަދަ ކުޑަ މަސައްކަތެއް ނިންމާ، އެކަން އިފްތިތާހުކުރަން ހަފުލާއެއް ބޭއްވުމާ އެކު އާންމުންގެ ގިނަ ބަޔަކު ވަނީ މިކަމަށް ފާޑުކިޔާ އެމްއޭސީއެލް އަށާއި ކުންފުންނީގެ އިސްވެރިންނަށް މަލާމަތް ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ