ސީޕީ އެދިވަޑައިގަތީ ފުލުހުންގެ ގާބިލުކަން އިތުރުކޮށް، ތަމްރީނުވީ ފުލުހުން މުވައްޒަފުންނަށް މަގުދައްކަން
ތަމްރީނުވީ ފުލުހުން އެ އިދާރާގެ ގާބިލުކަން އިތުރުކޮށް، އެހެން މުވައްޒަފުންނަށް މަގުދައްކާ ބަޔަކަށް ވުމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެދިވަޑައިގެންފިއެވެ. އިންސްޕެކްޓާ ކޯސް ހަތަރެއް ފުރިހަމަކުރި ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ، އެ ކޯހަކީ ފުލުހުންގެ ޚިދުމަތުގައި ކޮމިޝަންޑް އޮފިސަރަކަށް ވުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށެވެ. އެގޮތުން، މިއީ ފުލުހުންގެ ޚިދުމަތުގައި ކުރިއަށް ދިއުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ހިންގޭ ވަރަށް މުހިންމު ކޯހެއްކަން ނަވީން ފާހަގަކުރެއްވިއެވެ. އެ ކޯހުގެ ތެރެއިން، ގާނޫނީ ގޮތުން ހަވާލުވާ ޒިންމާތަކާއި އަދާކުރަންޖެހޭ ކަންކަން ދެނެގަނެ، މަސައްކަތް ތަރުތީބުކުރުމަށާއި މެނޭޖުކުރުމަށް ދަސްކޮށްދޭނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. "މި ޚިދުމަތުން އުންމީދުކުރަނީ މި ކޯސް ފުރިހަމަ ކުރުމުން ޒަމާނީ ފުލުހުންގެ ޚިދުމަތަކަށް ލޯހުޅުވި، ޚިދުމަތްކުރުމަށް ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަންކަން ހައްލުކުރެވޭނެ ގާބިލުކަން ލިބިގެންދިޔަ ކަމަށް،" ނަވީން ވިދާޅުވިއެވެ. އޭގެއިތުރުން، ކޯހުގެ މައިގަނޑު އަސާސަކީ ކޯސް ފުރިހަމަކުރާ އޮފިސަރުންނަށް އިންސްޕެކްޓަރު ރޭންކުގެ ޒިންމާ އަދާކުރެވޭ މިންގަނޑަށް ހުނަރާއި އިލްމު ދަސްކޮށްދިނުން ކަމަށް ނަވީން ވިދާޅުވިއެވެ. ކޯހުން ދަސްވެނިވާއިރު، ގާބިލް އޮފިސަރެއްގެ ކިބައިން ފެންނަންޖެހޭ ކަންތައްތަކެއް ހުންނާނެކަން ފާހަގަކުރައްވައި ސީޕީ ވަނީ މަސައްކަތުގެ މައިދާނުގައި ކޯހުން ލިބުނު އިލްމާއި ހުނަރު ބޭނުންކުރަން ޖެހޭނެކަން ހަނދާންކޮށްދެއްވާފައެވެ. ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު، ފުލުހުންގެ ފަރާތުން ދިއްކޮށްލާ އަތަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ދިއްކޮށްލެވޭ އަތަކަށް ވާންޖެހޭނެ ކަމަށް ނަވީން ވިދާޅުވިއެވެ. "ފުލުހުންގެ ފަރާތުން އެހީތެރިކަމަށް އެދެނީ އެ ރައްޔިތަކަށް އެންމެ ކަންބޮޑުވާ ހިސާބަށް ކަންތައްތައް ގޮސްގެން، އަލިމަގެއް ނުފެނިގެން. އެހެންވީމާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު ބައިވެރިންގެ ފަރާތުން އެދެން،" ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެއާއެކު، ކޮންމެ ފުލުހެއް ވެސް ފަރުދީ ލެވެލްގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް މަސައްކަތްކޮށް، ޑިސިޕްލިން ފުލުހަކަށް ވާން މަސައްކަތް ކުރުމަށް ސީޕީ އިރުޝާދު ދެއްވިއެވެ. ނަވީން ވަނީ، އިންސްޕެކްޓާ ކޯސް ހަތަރެއް ފުރިހަމަކުރި ހުރިހާ ބައިވެރިންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ