މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެމްޑީޕީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އަނބުރާ އެ ޕާޓީއާ މިރޭ ރަސްމީކޮށް ގުޅިވަޑައިގެންފި އެވެ. އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު ނަޝީދު ވިދާޅުވީ އެ މަނިކުފާނު "މި އައީ ގެއަށް" ކަމަށެވެ.
ވީ ކިހިނެއް؟ - އެމްޑީޕީން 2023ގެ އިންތިހާބަށް ބޭއްވި ރިޔާސީ ޕްރައިމަރީގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ 21 ޖުލައި 2023ގަ އެވެ.
ނަޝީދު އަލުން އެމްޑީޕީއާ މިރޭ ގުޅިވަޑައިގެންނެވީ އެ މަނިކުފާނު އެފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ އިސް މެންބަރުންނާ އެކު އެވެ. އެ ބޭފުޅުންނަށް ހޫނު މަރުހަބާާއެއް ކިޔުމަށް އެމްޑީޕީން މިރޭ ސަލްޓަން ޕާކްގައި ވަނީ ޖަލްސާއެއް ބާއްވަފަ އެވެ. މި ޖަލްސާގައި އެ ބޭފުޅުން ޕާޓީއަށް ސޮއި ކުރެއްވި ތަން ނުދެއްކިޔަސް، ނަޝީދު ވަނީ ޕޯޑިއަމްގައި ވާހަަކަފުޅު ދައްކަވާފަ އެވެ.
ބުނީ ކީކޭ؟ - "އާދެ، އަޅުގަނޑު ޕާޓީއާ ދުރުގައި ދެ އަހަރެއް ވަރު ވެއްޖެ. އެހެން ނަމަވެސް މިރޭ މި ތަނަށް އައިސް ހުންނައިރު، އިންތިހާއަށް އަޅުގަނޑު އުފާވޭ. އަލުން އަނބުރާ ރަށަށް އާދެވުމުން، ގެއަށް އާދެވުމުން،" ނަޝީދު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ދިރިއުޅެނީ އެފްރިކާގައި، އަލުން އަނބުރާ ގެއަށް އާދެވުމުން އެވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން [އަދި] އެ އަންނަ ހިނި، އަޅުގަނޑަށް އަޅުގަނޑު ހިތުން ދުވަހަކު ވެސް ހިތުން ފިލައިގެނެއް ނުދާނެ."
ތަފްސީލު - ނަޝީދުގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި ގައުމީ މަޖިލިސް މެންބަރުންނަށާއި އާންމު މެންބަރުން އެ މަނިކުފާނަށް ކިޔުއްވި ހޫނު މަރުހަބާއަށް ޝުކުރު ދަންނަވާފަ އެވެ. އެ ޝުކުރުގައި އެ މަނިކުފާނުގެ ކުރީގެ ގާތް ރަހުމަތްތެރިޔާ، ކުރީގެ ރައީސް ސޯލިހްގެ ނަމެއް ނުގެންނަވަ އެވެ.
މިރޭގެ ޖަލްސާގައި ޝާހިދާއި ފައްޔާޒު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި ނަމަވެސް، ސޯލިހް ވަޑައެއްނުގަންނަވަ އެވެ. އެނގިފައިވާ ގޮތުގައި، އެ މަނިކުފާނު ހުންެނެވީ މެލޭޝިއާގަ އެވެ.
މިރޭ ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވިއިރު، ސޯލިހް ވަނީ ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ހުންނެެވިކަން އެ މަނިކުފާނުގެ ސަޕޯޓަރުންނަށް ރޭ ހާމަ ކުރައްވާފަ އެވެ. މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ނަޝީދު ވެސް ވަނީ ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ.
ނަޝީދު ވިދާޅުވީ:
އެމްޑީޕީއަކީ ރައްޔިތުންނަށް ހެޔޮ ލަފާ ގޮތް ބުނެދީ، ރައްޔިތުންގެ ސަލާމަތް ހޯދާނެ ޕާޓީ
"މި ޕާޓީ ނޫން ޕާޓީއެއް ރައްޔިތުންނަށް ހެވެއް އެދޭ ކަމަށް ހަގީގަތުގައި ނުވެސް ނެތް"
ނަޝީދު މިރޭ ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ މުޅި ހަޔާތްޕުޅު ހޭދަ ކުރެއްވީ އެމްޑީޕީއަށްޓަކަ އެވެ. އަދި އުންމީދަކީ އެ ޕާޓީއަށް އަބަދު ވެސް ކާމިޔާބު ލިބުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު އުންމީދަކީ މި ޕާޓީއަށް ކާމިޔާބު ލިބުން. އަޅުގަނޑު އަބަދު ވެސް އެދޭނީ އަޅުގަނޑުމެންނަށް ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް އަދި ރާއްޖޭގެ ރައްޔިތުންނަށް މިއަދު މި ލިބޭ މިންވަރަށް ވުރެ މާ ފާގަތި މާދަމާއެއް ލިބުން،" އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު، އެ ޕާޓީ "ރޫޅާލާނެ" ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި ނަޝީދު އެ މަނިކުފާނުގެ މިރޭގެ ވާހަަކަ ނިންމާލައްވަމުން ވިދާޅުވި އެވެ.
ނަޝީދު އެނބުރި އެމްޑީޕީއަށް: 'މި އައީ ގެއަށް'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ