އެމެރިކާއަށް ރައްދު ދިނުމުގެ ގޮތުން އީރާން، ނިއުކްލިޔާ ސަޕްރައިސްއެއް ދީފާނެ: ރިޕޯޓް

ބެއިޖިން (23 ޖޫން 2025): އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އެމެރިކާ ދިން ހަމަލާތަކުގެ ރައްދެއް ގޮތުން އަވަސްގޮތަކަށް ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ އީރާން ކޮށްފާނެ ކަމެއް ކަމަށް މިހާރު ބެލެވޭ ކަމަށާއި އީރާނުން ނިއުކްލިޔާ ސަޕްރައިސް އެއްވެސް ދީފާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޖާސޫސީ މައުލޫމާތުތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ނިއުކްލިޔާ ހަތިޔާރު އަވަސްގޮތަކަށް އުފައްދަން ބޭނުންކުރާ 500 ކިލޯ ގްރާމްގެ ޔޫރޭނިޔަމް ސަލާމަތް ކުރުމުގައި އީރާންވަނީ ކާމިޔާބު ހޯދާފައެވެ. އެމެރިކާގެ ހަމަލާތަކުގެ ކުރިން މިތަކެތިވަނީ ފޯޑޯ ނިއުކްލިޔާ މަރުކަޒުން އެނޫން ބިމުއަޑީގެ މަރުކަޒަކަށް ގެންގޮސްފައެވެ. ބޭނުންނަމަ ދެހަފުތާ ތެރޭގައި ނިއުކްލިޔާ 10 ބޮން އުފެއްދޭވަރަށް އީރާނުގައި ޔޫރޭނިޔަމް އާއި އެނޫން ނިއުކްލިޔާ ވަސީލަތްތައް ހުރިކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީން ކުރިން ކަށަވަރުކޮށްދީފައިވެއެވެ. އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި މިތަކެތި ހަލާކުކޮށްލެވުނުކަން ސާފެއްނުވެއެވެ. ގިނަ ރިޕޯޓްތައް ބުރަވަނީ ހަލާކުކޮށް ނުލެވޭކަމަށެވެ. އެއީ ރޭޑިއޭޝަންގެ އަސަރެއް ނުވަތަ ރޭޑިއޯ އެކްޓިވް މާއްދާއެއްގެ އަސަރެއް ބޮންއެޅި ތަންތަނުގައި ނެތުމުންނެވެ. އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބަލައި ފާސްކުރުމުގައި އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީގެ ފަރާތުން ކުރިން ހަރަކާތްތެރިވި ނިއުކްލިޔާ އިންޖިނޭރެއްކަމަށްވާ ޑރ. ޔުސްރީ އަބޫރަޝާދު މިއަދު ވިދާޅުވިގޮތުގައި އޭނާއަށް މައުލޫމާތު ލިބިފައިވާގޮތުގައި އީރާން މިހާރު ގެންދަނީ ނިއުކްލިޔާ ބޮމެއް އުފައްދަން މަސައްކަތް ކުރަމުންނެވެ. މިކަން ހާމަ ނުކުރިނަމަވެސް އީރާން މިހާރު ދަނީ މިކަން ކުރަމުންކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. އަބޫރަޝާދު ވިދާޅުވިގޮތުގައި މިމަހުގެ 12ވަނަ ދުވަހާއި 13ވަނަ ދުވަހު އީރާނުންވަނީ އެމެރިކާއާއި އިސްރާއީލުން ހަމަލާދޭނެކަމަށް ބަލައި އެންމެ ބޮޑަށް ފައްކާކޮށްފައިވާ 500 ކިލޯ ގްރާމްގެ ޔޫރޭނިޔަމް ފޯޑޯ މަރުކަޒުން އެނޫން ބިންގަރާހަކަށް ގެންގޮސް އެތަކެތި ސަލާމަތްކޮށްފައެވެ. އީރާނުގައި ހުންނަ ލެބޯޓްރީއާއި އެނޫން ނިއުކްލިޔާ މަރުކަޒުތަކަށް ބަލާއިރު 100އަށް ވުރެގިނަ ތަން ބިމުއަޑީގައިވާކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޑރ. އައްބާސް އިރަގްޖީ ވިދާޅުވިގޮތުގައި އެމެރިކާގެ ހަމަލާތަކަށްފަހު ދެން ނިއުކްލިޔާ މައްސަލާގައި އީރާން ފެންނާނީ މުޅިން އެހެން ގޮތަކަށެވެ. މުޅިން އެހެން ފޭރާމެއްގައެވެ. ކުރީގައި އޮތް ގޮތަކަށް ނޫނެވެ. ކުރީގައި އޮތް ވިސްނުމުގައެއް ވެސް ނޫނެވެ. އައްބާސް މިހާރުވަނީ ރަޝިއާގެ ރައީސް ޕޫޓިން އާއެކު ޚާއްސަ ސްޓްރެޓީޖިކް މަޝްވަރާތަކެއް ކުރެއްވުމަށް އީރާނުގެ ރިޔާސީ ޖެޓެއްގައި މޮސްކޯއަށް ވަޑައިގެންފައެވެ. އޭނާ މިހާރު ހުންނެވީ ރަޝިއާގެ ރިޔާސީ ގަނޑުވަރު ކަމަށްވާ ކްރެމްލިންގައިކަމަށް ވެއެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޕޫޓިންއާއެކު ކުރައްވާނީ އީރާނުގެ ގައުމީ ސަލާމަތަށް ވަރަށް މުހިއްމު ވަރަށް ސްޓްރެޓީޖިކް މަޝްވަރާތަކެއްކަމަށް އީރާނުގެ ރަސްމީ މީޑީއާ ބުނެއެވެ. އިތުރު ތަފުސީލެއް ނުދެއެވެ. އަނެއްކޮޅުން ޕޫޓިންގެ އެންމެ އިސް މުސްތަޝާރު އަދި ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މިޑްވެޑޭވް ވަނީ ނިއުކްލިޔާ ހަތިޔާރު ހުރި އީރާނުގެ ރަހުމަތްތެރި ގައުމަކުން އީރާނަށް ނިއުކްލިޔާ ހަތިޔާރު ދޭންޖެހޭ ވަގުތު މިހާރު އަތުވެއްޖެކަމަށް އިއްޔެ ވިދާޅުވެފައެވެ. "ނިއުކްލިޔާ ހަތިޔާރު އީރާނުގެ ދިފާއަށް ބޭނުންވާ ހިސާބަށް ކަންތައް ހިނގައްޖެ" މިޑްވެޑޭވް އިއްޔެ ވިދާޅުވެފައިވެއެވެ. މިއީ ދުވަހަކުވެސް ރަޝިއާގެ އިސް މަސްއޫލުވެރިއަކު މީގެކުރިން ވިދާޅުވި ވާހަކައެއް ނޫނެވެ. އަދި ވިދާޅުވާނެކަމަށް ބެލެވުނު ނުވަތަ އަންދާޒާ ކުރެވުނު ވާހަކައެއް ވެސް ނޫނެވެ. އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީގެ ކުރީގެ ނިއުކްލިޔާ އިންޖިނޭރު ޑރ. ޔުސްރީ އަބޫރަޝާދު ވިދާޅުވިގޮތުގައި އީރާނުގެ ފަރުބަދަތަކުގެ އަޑީގައި ނިއުކްލިޔާ ސިއްރު އެތަށް މަރުކަޒެއް ހުރިކަމަށް ކަށަވަރެވެ. އެތަންތަނުގެ އެއްވެސް މައުލޫމާތެއް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީއަކަށް ވެސް ނޭންގެއެވެ. އަދި އީރާނުގެ މަދަނީ ނިއުކްލިޔާ ޕްރޮގްރާމާ ޕެރަލަލްކޮށް އަސްކަރީ ނިއުކްލިޔާ ޕްރޮގްރާމެއް ވެސް ކުރިން އީރާނުން ކުރިޔަށް ގެންދިޔައެވެ. އެކަން އެއެޖެންސީއަށް ވަނީ ކަށަވަރު ވެސް ކުރެވިފައެވެ. އެޕްރޮގްރާމު ހުއްޓާލާފައިވާކަމަށް އީރާން ބުނާ ބުނުން ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީއަށް ނޭންގޭކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. އަބޫރަޝާދު ވިދާޅުވިގޮތުގައި އީރާނުގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ އިލްމީ ފަންނީ އަދި ވަސީލަތްތަކުގެ ގާބިލްކަން އަދިވެސް އެބަހުއްޓެވެ. އެގާބިލްކަން ފުނޑައެއް ނުލެވެއެވެ. އެއީ ފަރުބަދަތަކުގެ އަޑީގައި އެތަށް ތަނެއްގައި ނިއުކްލިޔާ ސިއްރު މަރުކަޒުތައް ހުރުމާއި ސައެންސްވެރިންނާއި އިންޖިނޭރުން ތިބުމުންނެވެ. އެތަންތަނަކަށް އެއްވެސް ހަމަލާއެއް ނާރައެވެ. ޗައިނާގެ ނޫސްއެޖެންސީއަކަށް ދެއްވި ބަޔާނެއްގައި ޑރ. އަބޫރަޝާދު ލަފާކުރައްވަނީ އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދު ދޭނީ ނިއުކްލިޔާ ހަތިޔާރު އުފެއްދިކަން ކުއްލި ގޮތަކަށް އިއުލާން ކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ނިއުކްލިޔާ ހަތިޔާރު އުފެއްދިކަން އިއުލާންކޮށް އީރާނުން ދުނިޔެއަށް ސަޕްރައިސް އެއްދިނުމަކީ ވަރަށް ގާތްކަމެކެވެ. އެގޮތަށް ކަންތައް ކުރިޔަސް މިހާރު ގެއްލޭނެ އެއްޗެއް އީރާނަށް ނެތްކަމަށާ ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ގެރެންޓީ އެމެރިކާއަށް ދީގެން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތް ވުމަކީ ކުރެވޭނެ ކަމެއް ނޫންކަމާއި އެއީ ބޭކާރު ކަމެއްކަން އީރާނަށް މިހާރު ވަރަށް ރަނގަނޅަށް ޔަގީންވެފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ