ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ގިނަ ފްލައިޓްތަކެއް ޑިލޭވެދާނެ!

އީރާނުން މިރޭ ގަތަރަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަޝްރަހު ގޯސްވެ، ގަތަރާއި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ރާއްޖެއަށް އަންނަ ގިނަ ފްލައިޓުތަކެއް ޑިލޭ ވުމުގެ ކަންބޮޑުވުން ފެންމަތިވެއްޖެއެވެ. އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ބަދަލުގައި އީރާނުން ވަނީ ޤަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފައެވެ. މި ހަމަލާގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ތަފުސީލު އަދި އެނގިފައެއް ނުވެއެވެ. މި ހަމަލާ ދިނުމުގެ ކުޑަ އިރުކޮޅެއް ކުރިން ގަތަރާއި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދުކުރިއެވެ. ރާއްޖެ އަންނަ ގިނަ ފްލައިޓުތަކެއް ޓާރްންސިޓް ކުރަނީ މެދުއިރުމަތީގެ އެއާޕޯޓުތަކުގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މިރޭގެ ފުލައިޓު ޝެޑިއުލުން އެނގޭ ގޮތުން، މާދަމާ ހެނދުނުން ފެށިގެން ހަވީރާ ޖެހެންދެން ދުބާއީއީން މާލެއަށް ދަތުރުކުރުމަށް އެމިރޭޓްސް އެއާލައިންގެ ހަތަރު ފުލައިޓު އޮތީ ތާވާލުކޮށްފައެވެ. އެތިހާދު އެއާވޭސްގެ ދެ ފުލައިޓު މާދަމާ ހެނދުނަށް އަބޫދާބީން މާލެއަށް ތާވަލުކޮށްފައިވާއިރު، ދޯހާއިން މާލެއަށް އޮތީ ގަތަރު އެއާވޭސްގެ ދެ ފުލައިޓު ތާވާލުކޮށްފައެވެ. އޭގެއިތުރުން، މިރޭ 23:00ގައި ދުބާއީއަށް ފުރަން އޮތް އެމިރޭޓްސް އެއާލައިންގެ ފްލައިޓު ޑިލޭވެފައިވާއިރު، ފްލައި ޑުބާއީ އެއާލައިންގެ ފްލައިޓެއް 23:00އަށް ތާވަލުކުރިއެވެ. ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކުރީ ރައްޔިތުންނާއި އެ ގައުމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް އެ ވުޒާރާއިން ބުނެއެވެ. އެމެރިކާއާއި އިސްރާއީލާއި ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މެދުއިރުމަތީގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މި މަހުގެ 13ވަނަ ދުވަހު އިސްރާއީލުން އީރާނަށް ހަމަލާދިން ފަހުން މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުފަތުރަށް ވަނީ ބުރޫއަރާފައެވެ. އިސްރާއީލުން ފުރަތަމަ ދިން ހަމަލާތަކުގެ ސަބަބުން އީރާނާއި އިރާގާއި އުރުދުންގެ ވައިގެ ސަރަހައްދުތައް ބަންދުކުރަން މަޖުބޫރުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ