ހުޅުމާލޭ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖަރ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ކަރަންޓު ކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން މިރޭ ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި މި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. މި މަސައްކަތަށް މާދަމާ ހެނދުނު 6:00 އިން 10:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލަން ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ މި މަސައްކަތް ކުރިއަށްދާ ވަގުތު، މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކޮންމެ ސަރަހައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ. އަދި ކަރަންޓު ކެނޑުމުގެ ކުރިން އެސް.އެމް.އެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަހައްދުތައް ދުރާލާ އަންގަމުންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް، ހިދުމަތް މެދުކެނޑޭ ސަރަހައްދުތަކުގައި ހިމެނޭ ހޮސްޕިޓަލްތަކާއި، އަދި އެހެނިހެން މުހިންމު ހިދުމަތްދޭ މުއައްސަސާތަކަށް ކަރަންޓުގެ މެދުކެނޑުމެއް ނާންނާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި މި މަސައްކަތް ތާވަލުކުރެވިފައިވާ ގަޑީގެ ކުރިން ނިންމައި، ވީއެންމެ އަވަހަކަށް އާންމު ހާލަތަށް ކަރަންޓުގެ ހިދުމަތް ގެނައުމަކީ އެ ކުންފުނީގެ އަމާޒު ކަމަށްވެސް ބުންޏެވެ.
ސްޓެލްކޯއިން ބުނީ މިއީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އިހުލާސްތެރިކަމާއެކު މައާފަށް އެދޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ހުޅުމާލޭ އިންޖީނުގޭގައި މުހިންމު މޭޖަރ މަސައްކަތެއް ކުރުމަށް މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ގަޑިއެއްހާ އިރަށް ކަރަންޓް ކެނޑޭނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ