ބިލް ބޭރުކުރާނެކަމުގެ ޔަގީންކަން ނުދެއްވާ ރައީސް ވިދާޅުވީ ވިސްނަވާނެކަމަށް

ރައްޔިތުންގެ މަޖިލީހުގައި އޮތް މީޑިއާ ކޮންޓްރޯލު ބިލާމެދު ހުރި ކަންބޮޑުވުންތަކާއެކު ބިލު ބޭރުކުރަން އެދި ރައީސް މުހައްމަދު މުއިއްޒުގެ އަރިހަށް ނޫސްވެރިން ދިއުމުން، ބިލު ބޭރުކުރަށްވާނެ ކަމުގެ ޔަގީންކަން ނުދެއްވާ އެކަމާ ވިސްނާ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މީޑިއާ ކޮންޓްރޯލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާމެދު އިއްޔެއާ މިއަދު ވެސް ނޫސްވެރިން ކުރަމުންދާ އިހުތިޖާޖުތަކަށް ދޫނުދިނުމުން މީޑިއާތަކުގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި އެއިން ކޮންމެ ބޭފުޅެއްގެ ވެސް ޑިމާންޑަކީ އެ ބިލު ބޭރުކުރުމެވެ.
ބުނީ ކީކޭ؟ - އެއްގަޑިއިރަށްވުރެ ދިގުކޮށް ކުރިއަށްދިޔަ މި ބައްދަލުވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ބައްދަލުވުމުގެ ބައިވެރިން ވިދާޅުވީ މުޅި ބައްދަލުވުމުގައި ވެސް ނޫސްވެރިންގެ ފަރާތުން އެންމެ ބޮޑަށް އެދުނީ މީޑިއާ ބިލު ބޭރުކުރެއްވުމަށް ކަމަށެވެ. އެކަމަކު ބިލު ބޭރުކުރައްވާނެ ކަމުގެ ސީދާ ޔަގީންކަމެއް ރައީސް ނުދެއްވި ކަމަށާއި، ތަކުރާރުކޮށް ވިދާޅުވީ އެކަމާމެދު ވިސްނަވާނެ ކަމަށް ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި:
ރައީސް ވިދާޅުވީ މީޑިއާތައް ކޮންޓްރޯލުކުރުމަކީ އެމަނިކުފާނުގެ ވިސްނުންފުޅެއް ނޫންކަމަށް، އެގޮތަށް ވިޔަ ނުދޭނެ ކަމަށް 
މިހާރު މަޖިލީހުގަ އޮތް މަރުހަލާއިން ބިލަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން އިރުޝާދު ދޭނެ ކަމަށް ރައީސް ވިދާޅުވި 
އެކަމަކު މިހާރު ބިލު އޮތްގޮތުން އިސްލާހުކުރަން ޖާގައެއް ނެތްކަމާއި، އިސްލާހުކުރާނަމަ އާ ބިލެއް ފަރުމާކުރަން ނަގާނެ ވަގުތަށް ވުރެ އަދި ކުރަންޖެހޭ މަސައްކަތް މާބުރަވާނެ ކަމަށް ތަކުރާރުކޮށް ނޫސްވެރިން ރައީސްއަށް ދެންނެވި 
މީޑިއާތަކުން އެދެނީ އެ ބިލު ބޭރުކުރުމަށް ކަމަށް ތަކުރާރުކޮށް ވިދާޅުވުމުން އެކަމާ ވިސްނަވާނެ ކަމަށާއި ބަންޑާރަނައިބުގެ ލަފާ ހޯއްދަވާނެ ކަމުގެ ޔަގީންކަން ދެއްވި
"ކަނޑައެޅިގެން ވިދާޅެއްނުވޭ އެ ބިލު ބޭރުކޮށްލައްވާނެ ކަމަކަށް. އެކަމަކު ދެން އަޅުގަނޑުމެން ހުރިހާ ބޭފުޅުންގެ ވެސް ވާހަކައިގައި ދެންނެވިން އެ ބިލު ބޭރުކޮށްލައްވާށޭ. އެ ބިލު ކޮށާމަށައިގެން އޭގެން ނެރެވޭނެ ރަނގަޅެއް ނެތޭ. އެހެންވީމާ ތަކުރާރުކޮށް އަޅުގަނޑުމެން ދެންނެވިން ރައީސްއަށް އެ ބިލު ބޭރުކުރަން. އެހެންވީމާ ނިންމަވާލައްވަމުން ރައީސް ވިދާޅުވި ވިސްނަވާނެ ކަމަށް،" މި ބައްދަލުވުމުގައި ބައިވެރިވި 'ދައުރު' ނޫހުގެ މެނޭޖިން އެޑިޓަރު އަދި އެޑިޓާސް ގިލްޑުގެ ރައީސްކަން ވެސް ކުރައްވާ އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ