ބިލު އިސްލާހު ކުރަން އުޅުމަކީ ހީލަތެއް؛ ބިލު ބޭރު ކުރޭ: ޝާހިދު

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާތައް ކޮންޓްރޯލު ކުރާ ބިލު އިސްލާހުކޮށްގެން ކަންބޮޑުވުންތަކަށް ހައްލު ހޯދޭނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވި ނަމަވެސް، ބިލު އިސްލާހު ކުރުމަކީ ހީލަތެއް ކަމަށާއި ބިލު މަޖިލީހުން ބޭރު ކުރުމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މީޑިއާ ކޮންޓްރޯލު ކުރާ ބިލު ނަގަން ޖެހޭނެ ކަމަށް ސަރުކާރުން ގަބޫލު ނުކުރާ ކަމަށް ބަންޑާރަ ނައިބު އުޝާމް މިއަދު ވަނީ ވިދާޅުވެފަ އެވެ.
ތަފްސީލް - އޭޖީގެ ވާހަކަތަކާ ގުޅުވާ، ޝާހިދު މިރޭ 'އެކްސް' ގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލްކުރާ ބިލު އިސްލާހުކޮށްގެން މަޖިލީހުން ބިލު ފާސްކުރުމަށް ސަރުކާރުން ރާވާ ރޭވުމަކީ، މީޑިއާގެ މިނިވަންކަން ނެތިކޮށް، މީޑިއާތަކަށް  އަތްބާނާ، ކޮރަޕްޝަނާއި ފަސާދާގައި މަތިޖެހުމަށް ހިންގާ ހީލަތެއް ކަމަށެވެ.
"މިނިވަން ޑިމޮކްރަސީއެއްގައި މިނިވަން މީޑިއާ ރެގިއުލޭޓް ކުރާންވާނީ ސެލްފު ރެގިއުލޭޓަރީ މެކޭނިޒަމެއްގެ ތެރެއިން. މަޖިލީހަށް ހުށަހަޅާފައިވާ މިބިލުގެ މުޅި މަހުފޫމް ބިނާ ކޮށްފައި އޮތީ، ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް،" ޝާހިދު ވިދާޅުވި އެވެ.
ބިލް މިހާރުން މިހާރަށް މަޖިލީހުން ބޭރު ކުރުމަށް ޝާހިދު ވަނީ ގޮވާލައްވައިފަ އެވެ.
ބިލާމެދު ހުރި ކަންބޮޑުވުންތަކާއެކު ބިލު ބޭރުކުރަން އެދި ރައީސް މުހައްމަދު މުއިއްޒުގެ އަރިހަށް ނޫސްވެރިން ދިއުމުން، ބިލު ބޭރުކުރަށްވާނެ ކަމުގެ ޔަގީންކަން ނުދެއްވާ އެކަމާ ވިސްނާ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު މިއަދު ވަނީ ވިދާޅުވެފަ އެވެ.
ބިލު ބޭރު ކުރުމުގެ ބަދަލުގައި ބިލު އިސްލާހުކޮށްގެން ކަންބޮޑުވުންތަކަށް ހައްލު ހޯދާނެ ކަމަށް އޭޖީ ވިދާޅުވީ އެ ބައްދަލުވުމުގެ ފަހުންނެވެ.
ގުޅުން ހުރި - ނޫސްވެރިންގެ ޑިމާންޑަކީ ނޫސްވެރިންނާއި މީޑިއާގެ ކޮންޓްރޯލު ސަރުކާރަށް އޮންނަ ގޮތަށް އަދި ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް ބިލު އަނބުރާ ގެންދިޔުމެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް ވިދާޅުވީ ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ބިލަށް އިސްލާހުތައް ގެނެސް ބިލު އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އިއްޔެ ދައުރުން ބޭއްވި މަޖިލިސް ޖަލްސާގައި އެ ބިލު މަޖިލީހަށް ބަނީ ބަލައިގަނެފަ އެވެ. އެ ބިލު މި މަހުގެ 15 ގެ ކުރިން ނިންމަން މިއަދު އޮތް މިނިވަން މުވައްސަސާ ތަކުގެ ކޮމެޓީ އިން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ