ބިންވެރިޔާ ސްކީމުން ގުޅިފަޅުން ދޭ ގޯތީގެ 1،260 ރަޖިސްޓްރީ ދޫކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން މިހާތަނަށް 1،260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދީފައިވާ ކަމަށް ކަމަށް، ހައުސިން މިނިސްޓްރީން ބުނެފިއެވެ. ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފެށީ މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހެވެ. އެމްޑީޕީގެ ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޫކުރަން އިއުލާނުކޮށްފައި އޮތް ނަމަވެސް، މި ސަރުކާރުން ނިންމީ ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދު 3،520 އަށް އިތުރުކުރުމަށެވެ. އެއީ ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން އެދުނު މީހުން ހިމަނައިގެންނެވެ. ހައުސިން މިނިސްޓްރީން 'އެކްސް'ގައި މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިހާތަނަށް 1،260 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވެއެވެ. އެއީ 35.8 ޕަސެންޓެވެ. ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައެވެ. ގުޅިފަޅު ގޯތީގެ ރަޖިސްޓްރީ ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސިޓީ ކައުންސިލުން ބޭނުންކުރަމުންދިޔަ ބައިގައެވެ. ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ދެ ފަހަރަކު ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށްފައިވެއެވެ. މިފަހަރު ރަޖިސްޓްރީ ދޫކުރަނީ، އައު ލޭންޑް ޔޫޒް ޕްލޭންގެ ދަށުން މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އަލުން ގުރު ނެގުމަށް ފަހުގައެވެ. ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ދޫކުރުމަށް ހެދި އެއްބަސްވުމުގައި ގާނޫނާ ފުށޫ އަރާ ކަމެއް ހުރި ކަމަށް ބުނެ މި ސަރުކާރުން އެއްބަސްވުމަށް ބަދަލުގެނެސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ