ހުއްދަ ބާތިލުކުރި ފަހުން ވެސް ޓޫރިސްޓުން ބައިތިއްބާތީ ކިހާ ރިސޯޓަށް ފިޔަވަޅު އަޅަނީ ހުއްދަ ބާތިލުކުރި ފަހުން ވެސް ޓޫރިސްޓުން ބައިތިއްބާތީ ކިހާ ރިސޯޓަށް ފިޔަވަޅު އަޅަނީ

ޓޫރިޒަމް މިނިސްޓްރީގެ މިންގަނޑުތަކަށް ފައްތަން ތަކުރާރުކޮށް ދިން ފުރުސަތުގައި ވެސް ކަންކަން އިސްލާހުނުކުރުމުން ކިހާ މޯލްޑިވްސް (ބ. ކިހާދުއްފަރަކީ) ގެ ހުއްދަ ބާތިލުކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓޫރިޒަމުން ނެރުނު އިއުލާނުގައި ބުނީ އެ ރަށުގައި ރިސޯޓެއް ތަރައްގީކުރަން ދޫކުރީ އަތަމާ މެރިން އިންޓަނޭޝަނަލްއަށް ކަމަށެވެ. ނަމަވެސް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އެ ތަން ނުހިންގާތީ މިނިސްޓްރީން ވަނީ ކަންކަން އިސްލާހުކުރަން އެތައް ފަހަރެއްގެ މަތިން ފުރުސަތު ދީފަ އެވެ.
މިނިސްޓްރީގެ މިންގަނޑުތަކަށް ކަންކަން ރަނގަޅުކުރަން ދިން ފުރުސަތުގައި، ޓޫރިޒަމުން ވަނީ ވަކި ޝަރުތުތަކަކާ އެކީ އެ ރިސޯޓު ހިންގަން ވަގުތީ އޮޕަރޭޓިން ލައިސަންސެއް ދޫކޮށްފަ އެވެ. ނަމަވެސް މި ހުއްދައިގެ ހުސްވި އަހަރުގެ ސެޕްޓެމްބަރު 27، ގައި ހަމަވެފައިވާ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
ވަގުތީ ރިސޯޓު ހުއްދައިގެ މުއްދަތު ހަމަވީ ފަހުން މިނިސްޓްރީން އިތުރު ލައިސަންސެއް ނުދެ އެވެ. ނަމަވެސް އެ ކުންފުނިން އަންނަނީ ހުއްދަ ނެތި އެ ރަށުގައި ޓޫރިސްޓުން ބައިތިއްބަމުން އެކަމާ ގުޅިގެން އެ ކުންފުނި ޖޫރިމަނާ ކުރެވިފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
"ރިސޯޓު އޮޕަރޭޓިން ލައިސަންސް ނެތި ޓޫރިސްޓް ރިޒޯޓު ހިންގުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށް ވާތީ އާއި އަދި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ފަތުރުވެރިން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެ ކުންފުނި ޖޫރިމަނާކުރެވިފައިވޭ،" އިއުލާނުގައި ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެއްބަސްވުމާ ތަކުރާރުކޯށް ހިލާފުވެ ގާނޫނާ ހިލާފަށް ޓޫރިސްޓުންނަށް ހިދުމަތް ދެމުން ގެންދާތީ އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އަޅަމުުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ފިޔަވަޅެއް ކަަމެއް މިނިސްޓްރީގެ އިއުލާނުގައި ނެތެވެ.
ޓޫރިޒަމުގެ ބަޔާން ނިންމާލަމުން ވަނީ ކިހާ ރިސޯޓަށް ޓޫރިސްޓުން ގެންދަން އެއްވެސް މުއާމަލާތެއް އެއްވެސް ސިފައެއްގައި ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ކިހާ މޯލްޑިވްސްއަކީ ކުރިން ކިހާދު މޯލްޑިވްސްގެ ނަމުގައި ހިންގި ރިސޯޓެކެވެ. މި ރިސޯޓު މަރާމާތުކޮށް، އިތުރު ކޮޓަރިތަކާއެކީ ރީބްރޭންޑުކޮށް ހުޅުވީ 2018 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ