ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ސްކޫލް ދަރިވަރަކަަށް އަނިޔާވެއްޖެ

ހުޅުމާލޭ ފޭސް އެކެއްގެ ނިރޮޅުމަގު ޗަނބޭލީމަގު 3 ކުރިމަތީ ދެ ސައިކަލް ޖެހި ނުރަކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހެނދުނު ގާތްގަނޑަކަށް 06:47 ހާއިރުއެވެ. މަންޒަރުދުށް މީހަކު އެވަގުތު އެތަނަށްދިޔަ ސަންގެ ނޫސްވެރިޔާ އާ ވާހަކަދައްކަމުން ބުނީ، އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައިދިޔަ ދެ ސައިކަލް ޖެހިގެންކަމަށެވެ. އޭނާ ބުނީ އޭނާއަށް ފެނުނު އެއް ސައިކަލުގެ ދުވެލި ހުރީ އެގަޑީގައި ދުއްވަންވާވަރަށްވުރެ ބާރުކޮށް ކަމަށެވެ. ދެ ސައިކަލްޖެހި ހިނގި މި އެކްސިޑެންޓުގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެތަނަށް ދިޔަ ސަންގެ ނޫސްވެރިއަކު ބުނީ، ސައިކަލް ދުއްވަން އިން ދެމީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށާއި، އެގޮތުން އެކެއްގެ ފަޔާއި އަތުގެ އެކި ތަންތަނުން މަށައިގެންގޮސް ލޭ ފެންނަން ހުރިކަމަށެވެ. ހުޅުމާލޭގައި މިއަދު ހެނދުނު އެކްސިޑެންޓް ވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން މަންޒަރު ފެނުނު މީހަކާ ހަވާލާދީ ސަންގެ ނޫސްވެރިޔާ ބުނީ އެވަގުތު އެތަނުން އެއް ސައިކަލުގައި ސްކޫލް ދަރިވަރަކު އިންކަމަށާއި، ދަރިވަރަށްވެސް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާކަމަށެވެ. "ސައިކަލުގައި އިނީ 9 ވަރަކަށް އަހަރުގެ ކުޑަކުއްޖެއް. ހީވަނީ 9 ވަރަކަށް އަހަރުހެން ވާނީ. އެކުއްޖާ ނަގަންބެލިއިރު ފައިވެސް އޮތީ ސައިކަލް ދަށުގައި. ކޮންމެވެސް ވަރަކަށް ތަންތަން މަށައިގެން ގޮސްފައިހުރި. އެންމެ ބޮޑަށް ތަދުވާނީ އެކުއްޖާގެ ފަޔަށާއި އަތަށް. އަނެއްކާ ޖެހުނު ގޮތުން ބޮލަށްވެސް ތަދުވާނެ. އެހެންވެ ބޮލުގަ އަތްއަޅައިގެންވެސް ހުރީ. އެއޮތީނު އެކުއްޖާގެ ދަބަސްވެސް ދުރުގައި. އަނެއްހެން ފިޒިކަލީ މާބޮޑު ކަމެއް ފެންނާކަށެއް ނެތް. ނަމަވެސް މިހެން ވީމައި އެ ކުއްޖާއަށް ނަފްސާނީގޮތުން އަސަރުތަކެއް ކުރާނެ ތާ ދޯ،" މަންޒަރުދުށް މީހާ ސަންގެ ނޫސްވެރިޔާއަށް އެކުއްޖާގެ ދަބަސް ދައްކާލަމުން ބުންޏެވެ. އެކްސިޑެންޓުވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކުޑަކުއްޖާ ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ޓްރެފިކް ބަލަހައްޓާ ފުލުހުންވެސް ވަނީ އެތަނަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. އެކްސިޑެންޓްވި ދެ ސައިކަލު--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން އެ ހާދިސާއާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ. ހުޅުމާލޭ ނިރޮޅުމަގަކީ އާއްމުގޮތެއްގައި ވަރަށް ގިނައިން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަމުން އަންނަ މަގެކެވެ. ޚާއްސަ ގޮތެއްގައި ހެނދުނު 06:45 އަކީ ނިރޮޅުމަގުގެ ކާރޫބާރޫ ބޮޑު ވަގުތެކެވެ. ސަބަބަކީ އެ ގަޑިއަކީ ކުދިން ސްކޫލަށްދާ ގަޑިއާ މީހުން އޮފީސްތަކަށް ދިއުމަށް ނިކުންނަ ގަޑިއަށްވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ