އެމްއެފްޑީއޭގެ ހުއްދަ ނުނަގައި އާންމު ފިހާރަތަކުގައި އެއްވެސް ބޭހެއް ވިއްކުން މަނާކޮށްފި

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓި (އެމްއެފްޑީއޭ) ގެ ހުއްދަ ނުނަގައި، އެ އޮތޯރިޓީގެ ރަޖިސްޓްރީކޮށްފައިވާ ބޭސް ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއް ވިއްކުން މަނާކޮށްފި އެވެ.
އެމްއެފްޑީއޭއިން ނިމުނު ހަފުތާގެ ތެރޭގައި ގެޒެޓުކުރި ބޭހާ ބެހޭ ގަވާއިދުގައި ވަނީ، އެ އޮތޯރިޓީން ބޭހެއްގެ ގޮތުގައި ގިންތިކޮށް ރެގިއުލޭޓުކުރާ އެއްވެސް ބާވަތެއް އާންމު ފިހާރަތަކުގައި ބެހެއްޓުން މަނާ ކަމަށެވެ. މިހެންކަމުން ފިހާރަތަކުން އާންމުކޮށް ލިބެން ހުންނަ ޕެނަޑޯލް އާއި "ހައިޑްރަލައިޓް" ފަދަ ބޭސް ސިޓީއަކާ ނުލައި ވިއްކޭ "އޯވާ ދަ ކައުންޓާ" ބޭސްތައް ވެސް ފިހާރަތަކުގައި ބެހެއްޓުން މަނާ ވާނެ އެވެ. 
މި ގޮތަށް މަނާކުރި ނަމަވެސް އެމްއެފްޑީއޭއިން ވަނީ އޯވާ ދަ ކައުންޓާގެ ގޮތުގައި ގިންތިކޮށްފައިވާ ބޭސްތައް، އެ މިނިސްޓްރީގެ ހުއްދައެއް ނަގައިގެން އާންމު ފިހާރަތަކުން ވިއްކޭނެ ކަމަށް ބުނެފަ އެވެ. 
އެމްއެފްޑީއޭގެ ބޭހާ ބެހޭ ގަވާއިދު ގެޒެޓުކުރި ނަމަވެސް އެ ގަވާއިދަށް އަމަލުކުރަން ފަށަނީ ގެޒެޓުކުރި ތާރީހުގެ 90 ދުވަސް ފަހުންނެވެ. މިހެންކަމުން ބޭސް ވިއްކަން ބޭނުންވާ ފިހާރަތަކަަށް މި މުއްދަތު ހަމަވަންދެން ބޭއް ވިއްކޭނެ އެވެ. ނަމަވެސް ގަވާއިދަށް އަމަލުކުރަން ފަށާ ފަހުން މި ގޮތަށް ހުއްދަ ނުނަގާ ބޭސް ވިއްކާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު އޮތޯރިޓީއަށް އޮވެ އެވެ. 
އެ އޮތޯރިޓީއަށް ދެވޭ އަދަބަކީ ނަސޭހަތް ދިނުމާއި 10،000ރ. އިން ފެށިގެން އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. މި ގޮތަށް އަޅާނެ ފިޔަވަޅެއް ނިންމާނީ އެ ކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި އެމްއެފްޑީއޭއިން ކަމަށް ގަވާއިދުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ