އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރު ކޮމިޝަންކޮށްފިއެވެ.
އެމްޕީއެލް ހުޅުމާލެ ޕޯޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މި ނޭވީ މަނަވަރަކީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ހަދިޔާކުރައްވާފައިވާ މަނަވަރެއްކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ. މި މަނަވަރު ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރަށް ނަންދީފައިވަނީ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ނަމުންނެވެ. މި މަނަވަރު ކޮމިޝަންކޮށްދެއްވާފައިވަނީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. ޝިޕް ކޮމިޝަން ކުރުމަށްފަހު ޚިދުމަތް ފެށުމުގެ ގޮތުން އުޅަނދުގެ ކުރީގައި ދިވެހި ޤައުމީ ދިދަ އަދި އުޅަނދުގެ ފަހަތުގައި އެމްއެންޑީއެފްގެ ދިދަ ވަނީ ނަގާފައެވެ. އަދި މެއިން ހެލްޔާޑްގައި ކޮމިޝަނިން ޕެނަންޓް ވަނީ ބަހައްޓާފައެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން، އޮސްޓްރޭލިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ، ޑޭވިޑް ޖެސަޕް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި އުޅަނދަކީ އޮސްޓްރޭލިޔާއާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިޔާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ އުޅަނދެކެވެ. މިއުޅަނދަކީ، އޮސްޓްރޭލިޔާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ. މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިޔާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.
މި އުޅަނދަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިޔާ ސަރުކާރާއެކު ކުރެއްވި މަޝްވަރާތަކާއެކު ރާއްޖެއަށް ހޯއްދަވާދެއްވި އުޅަނދެއްކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
މިއުޅަނދުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ހިންގާ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމާއި، ކަނޑުމަތީގައި ދިމާވާ ޙާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ޤާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެއެވެ. އަދި މިއީ ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ދިވެހިރާއްޖެއިން އަދާކުރާ ދައުރަށްވެސް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއްކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.
އޮސްޓްރޭލިޔާއިން ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ