އޮސްޓްރޭލިއާއިން ހަދިޔާކުރި އަސްކަރީ މަނަވަރު ހިދުމަތަށް ނެރެފި

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ހަދިޔާކުރި އަސްކަރީ މަނަވަރު މިރޭ ހިދުމަތަށް ނެރެފި އެވެ. 
ރާއްޖޭގެ އަސްކަރިއްޔާއާ އަލަށް އިތުރުވި އުޅަނދު މިރޭ ކޮމިޝަން ކޮށްދެއްވީ ރައީސް އަދި ސިފައިންގެ އެންމެމަތީވެރިޔަ ޑރ. މުހައްމަދު މުއިއްޒެވެ.
"އިމާދުއްދީން"ގެ ނަން ދީފައިވާ މި މަނަވަރަކީ މުޅިން އަލަށް ބަނދެފައިވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ މަނަވަރެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ. 
ދިވެހި ސިފައިން ވަނީ މި މަނަވަރު ބޭނުން ކުރާނެ ގޮތުގެ ތިން މަސް ދުވަހުގެ ތަމްރީނެއް ފުރިހަމަކޮށްފަ އެވެ. އޮސްޓްރޭލިއާ އިން ރާއްޖެ އަށް މަނަވަރު ކުރި 14 ދުވަހުގެ ދަތުރު އޮޕަރޭޓް ކޮށްފައިވަނީ ވެސް ދިވެހި ސިފައިންނެެވެ. މިއީ ދިވެހި ސިފައިން ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރު ވެސް މެ އެވެ. 
އޮސްޓްރޭލިއާގެ ހިލޭ އެހީގެ ދަށުން މި މަނަވަރު ހަދިޔާކުރަން ނިންމާފައިވާ ކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. 
މަނަވަރު ކޮމިޝަން ކުރަން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރުމަކީ ރައީސް އެންމެ އިސްކަމެއް ދެއްވާ ސިޔާސަތު ކަމަށެވެ. އެކަން ހާސިލުކުރުމަށްޓަކައި ކަނޑުގެ ބާރަކަށް ދިވެހި އަސްކަރިއްޔާ ހަދާނެ ކަމަށް ރައީސް ހާމަކުރައްވާފައިވާ ކަން ހިލްމީ ފާހަގަކުރެއްވި އެވެ. 
The most trusted news source in the Maldives
އެ ސިޔާސަތުގެ ދަށުން މީގެ ކުރިން ތުރުކީ އިން ރާއްޖެ އަށް އަސްކަރީ މަނަވަރެއް ވަނީ ހޯދައިފަ އެވެ. އަދި މިހާރު މި ވަނީ އޮސްޓްރޭލިއާ އިން ވެސް މުޅިން އަލަށް ބަނދެފައިވާ މަނަވަރެއް ރާއްޖެ އަށް ރައީސް މުއިއްޒު ހޯދައިދެއްވާފައި ކަމަށް ހިލްމީ ވިދާޅުވި އެވެ. 
އޭނާ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެންމެ ތަންކޮޅެއް ވެސް ދޫނުކޮށް އެ ތަންތަން ދިވެހި ކަނޑުގެ އަސްކަރިއްޔާއިން ބަލަހައްޓަމުންދާނީ އެއްވެސް ފަސްޖެހުމެއް ނެތި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ