އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު އޮންނަ އަސްކަރީ ގުޅުން ވަރުގަދަކަމަށާއި މި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އޮސްޓްރޭލިޔާގެ ސްޕެޝަލް އެންވޯއީ އޮފް ދަ އިންޑިއަން އޯޝަންގެ ހާއްސަ މަންދޫބު، ޓިމް ވަޓްސް ވިދާޅުވެއްޖެއެވެ.
ޓިމް ވިދާޅުވީ، 1974 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރެވުނީއްސުރެ، ދެ ގައުމުން ގުޅިގެން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އޮސްޓްރޭލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 'ކޯސްޓް ގާޑް އިމާދުއްދީން' ރަސްމީކޮށް ކޮމިޝަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓިމް ވަޓްސް ވިދާޅުވީ، އޮސްޓްރޭލިޔާއާއި ދިވެހިރާއްޖޭގެ ގުޅުން ބިނާވެފައިވަނީ އިހުތިރާމާއި އިތުބާރާއި އަދި ބައިނަލްއަގުވާމީ ގަވާއިދުތަކާއި އުސޫލުތަކުގެ މައްޗަށް ކަމަށެވެ. އަދި މި މަނަވަރަކީ އެ ގުޅުމުގެ ރަމްޒެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޓިމް ވިދާޅުވީ، ދުނިޔޭގެ ވިޔަފާރީގެ ތިންބައިކުޅަ އެއްބަޔާއި ހަކަތައިގެ ދެބައިކުޅަ އެއްބައި އުފުލަނީ އިންޑިއާ ކަނޑު ހުރަސްކޮށް ކަމަށެވެ. އެހެންނަމަވެސް މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަކީ ޒަމާނުއްސުރެ އެކި ފަރާތްތަކުން ސުވާލު ކުރަމުންދާ ކަމެއްކަން ފާހަގަކުރައްވާ، މިކަމަށް ރާއްޖެއާއި އޮސްޓްރޭލިޔާއިން ގުޅިގެން އަސްކަރީ ގޮތުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
"އޮސްޓްރޭލިއާއިން ދަނީ އިންޑިއާ ކަނޑުގެ ބައިވެރިންނާއެކު މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކޮށް، ކަނޑުގެ ދިފާއީ އެއްބާރުލުން ވަރުގަދަކޮށް، ހަމަނުޖެހުންތައް ހުއްޓުވައި، ހަމަޖެހުން ގާއިމުކޮށް، އަދި އަޅުގަނޑުމެން އެންމެން ބަރާބަރުވާ މިނިވަންކަން ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުން. މިއީ ފެންނަން އޮތް ސާފު ހަގީގަތެއް. އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ ދެ ގައުމުގެވެސް ކަންބޮޑުވުމެއް. އަދި މިއީ ދިވެހިރާއްޖެއާ އެކު އަޅުގަނޑުމެން ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމެއް" ޓިމް ވިދާޅުވިއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް 52 އަހަރަށްވުރެ ދިގު ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޓިމް ވިދާޅުވީ، ތައުލީމާއި މެރިޓައިމް އަދި ކަނޑުގެ ސަލާމަތުގެ ދާއިރާއިން އޮތް ގުޅުން ވަރަށް ވަރުގަދަ ކަމަށެވެ. ހާއްސަކޮށް ގިނަ އަދަދެއްގެ ދިވެހިން އޮސްޓްރޭލިޔާގައި ތައުލީމު ހާސިލުކުރަމުންދާކަމާއި، އަދި ކޮންމެ އަހަރަކު އެތައް ހާސް އޮސްޓްރޭލިޔާ ރައްޔިތުންނެއް ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށެވެ. މީގެއިތުރުން، ބައިނަލްއަގުވާމީ މުއާހަދާތަކުގައިވެސް ދެގައުމުން ގުޅިގެން މަސައްކަތް ކުރަމުންދާކަމަށްވެސް ޓިމް ވިދާޅުވިއެވެ.
ޓިމް ވިދާޅުވީ، މި އުޅަނދަކީ ރާއްޖޭގެ މުސްތަގުބަލު ހިމާޔަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ އުޅަނދެއްކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި މީގެ ސަބަބުން ކަނޑުގެ ސަލާމަތްތެރިކަން އިތުރުވެ، ގާނޫނު ތަންފީޒުކުރުމަށް ބާރުލިބި، އިންސާނީ އެހީތެރިކަން ބޭނުންވާ ކުއްލި ހާލަތްތަކުގައި އެހީތެރިވެދީ، އަދި ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް މަގުފަހިވެގެންދާނެކަމަށް އުއްމީދުކުރާ ކަމަށްވެސް ޓިމް ފާހަގަކުރެއްވިއެވެ.
"ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އަންނަނީ ވަރުގަދަވަމުން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ