އުދަ އަރާނެ ކަމަށް ބެލެވޭތީ މުޅި ރާއްޖެއަށް ނެރުނު އެލާޓް ދަންމާލައިފި

އުދަ އަރާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން މުޅި ރާއްޖެއަށް މިއަދު ނެރުނު ހުދު އެލާޓް މާދަމާގެ މެންދުރުފަހާ ހަމައަށް ދަންމާލައިފި އެވެ. 
މެޓުން މިއަދު ނެރުނު ހުދު އެލާޓްގައިވާ ގޮތުން ހެނދުނު 10:30 އިން މެންދުރު ފަހު 3:00 އާ ދޭތެރޭގައި އުދަ އަރާނެ ކަމަށް ލަފާކުރި އެވެ. އެ މުއްދަތު ހަމަވެފައިވަނިކޮށް މެޓުން ނެރުނު އެލާޓް ވަނީ މިރޭގެ 10:00 ން މާދަމާގެ މެންދުރުފަހު 2:30އާ ހަމަށް ދަންމާލައިފަ އެވެ. 
އުދައިގެ ރިޕޯޓްތަކެއް މިއަދު ފާހަގަކުރެވިފައި ނެތް ނަމަވެސް، ދިޔަވަރު ބޮޑުވި ވަގުތު، އިއްޔެ މެންދުރު  މާލެއަށް އުދަ އަރައި ގެއްލުންވި އެވެ.
މެޓުން ހުދު އެލާޓް ދަންމާލާފައިވާއިރު މާދަމާ އާއި އޭގެ އަނެއް ދުވަހު އުދައިގެ ނުރައްކާ އިތުރަށް ބޮޑުވެދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. 
The most trusted news source in the Maldives
މާދަމާ އާއި ބުދަ ދުވަހު އުދައިގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވެނީ މާދަމާ އަކީ ހަނދު ފުރިހަމަވާ [ފުލް މޫން] ދުވަސް ކަމަށް ވެފައި އާންމުކޮށް ހަނދު ދައުރުވާ ވަރަށް ވުރެ ދުނިޔެއާ ކައިރިން ދައުރު ކުރާނެތީ އެވެ. މާދަމާ ހަނދު ފެންނަ ވަރު އާންމުކޮށް ފެންނަ ފުރިހަމަ ހަނދަކަށް ވުރެ ހަތް ޕަސެންޓް ބޮޑުވާނެ އެވެ. "ބަކް މޫން" ގެ ނަން ދީފައިވާ މި ބަދަލާ އެކު ދުނިޔޭގެ އެކި ހިސާބުތަކުގައި މާދަމާގެ ހަނދަށް ވަނީ ސަމާލުކަން ލިބިފަ އެވެ.
އެހެންވެ މި މަހުގެ ހަނދު ފުރިހަމަވާ އިރު، ހަނދާއި ދުނިޔޭގެ ދުރުމިން އާންމު މިންވަރަށް ވުރެ ކައިރިވުމުގެ ސަބަބުންނާއި ހުޅަނގު މޫސުމުގެ ވައި ބާރުވުމުގެ ސަބަބުން މާލެ ހިމެނޭހެން ރާއްޖޭގެ ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށް ބެލެވެނީ އެވެ. ނަމަވެސް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން އަދި މިކަމުގައި އެއްޗެއް ނުބުނެ އެވެ. 
The most trusted news source in the Maldives
މާލެ ސަރަހައްދުގެ ކަނޑުގެ ލެވެލް ހުރި ގޮތަށް ބަލާއިރު، އިއްޔެ އާއި މިއަދަށް ވުރެ ބުދަ ދުވަހުގެ މެންދުރުފަހު ދިޔަވަރު މާ ބޮޑަށް އުފުލޭނެ އެވެ.
ހުޅަނގުގެ ވަައި ގަޑިއަކު 30 މޭލަށް ބާރުވެ، ކަނޑުގެ ރާޅުތަކުގެ އުސްމިން 2 ފޫޓާއި 5 ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް ވެސް ބައެއް މޮޑެލްތަކުން ދައްކަ އެވެ. މި ބާރުގަދަ ރާޅުތަކާއި ބޮޑުދިޔަ އެއްވަގުތެއްގައި ދިމާވުމުން، ބުދަ ދުވަހުގެ މެންދުރު 1:00 އިން ހަވީރު 2:30 އާ ދެމެދަކީ އުދަ އެރުމުގެ ފުރުސަތު އެންމެ ބޮޑުވާނެ ވަގުތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ