އަމީނީ މަގު އަލުން ތަރައްގީކުރުން: މަގުގެ ފަސްގަނޑާއި ތާރުގެ ފެންވަރު ދެނެގަތުމަށްޓަކައި ސާވޭއެއް ކޮށްފި

މާލޭގެ މަގުތައް ތަރައްގީކޮށް މަރާމާތުކުރުމަށް ހިންގާ "މާލެ ރޯޑް ޕްރޮޖެކްޓް"ގެ ދަށުން، އަމީނީ މަގުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ޕްރީ-ކޮންސްޓްރަކްޝަން ސާވޭގެ ތެރެއިން ކޯ ކަޓިން މަސައްކަތްތައް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސާވޭ ޓީމުން ކުރިއަށް ގެންދިޔަ މި މަސައްކަތަކީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން މަގުގެ ފަސްގަނޑާއި ތާރުގެ ފެންވަރު ދެނެގަތުމަށްޓަކައި ކުރެވޭ މުހިންމު ސާވޭއެކެވެ. އަމީނީ މަގުގައި ތާރުއަޅަން ފެށުމުގެ ކުރިން މިއަދު ކުރި ސާވޭގެ ތެރެއިން -- ފޮޓޯ: އެމްޓީސީސީ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ މާލޭގެ ބޮޑެތި މަގުތަކުގެ ތެރޭގައި ހިމެނޭ އަމީނީ މަގާއި، އިއްޒުއްދީން މަގުގެ އިތުރުން ބޮޑުތަކުރުފާނު މަގު މަރާމާތުކޮށް، އެ މަގުތަކުގެ ފެންވަރު މަތިކުރުމެވެ. އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި މި މަސައްކަތްތައް ނިމުމުން މާލޭގެ މަގުތަކަކީ އާންމުންނަށާއި އުޅަނދުފަހަރަށް ދަތުރުފަތުރުކުރަން ރައްކާތެރި، އަދި ލުއިފަސޭހަ މަގުތަކަކަށް ވެގެން ދާނެއެވެ. އަމީނީމަގުގެ ހުޅަނގަށްވީ ބައިގައި އަޅައިފައިވާ ތާރުގަނޑު ނަގައި, އެ ސަރަހައްދުގައި އަލުން ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް އެމްޓީސީސީން ވަނީ މިފަހުން ބުނެފައެވެ. އަމީނީ މަގުގެ އެންމެ ފަހުން ތާރުއެޅި ސަރަހައްދު ކަމަށްވާ ހާބަރު ފުޑްކޯޓު ސަރަހައްދު މިހާރު ވަނީ, އެ ސަރަހައްދުގައި ދުއްވަން ނުރައްކާވާ މިންވަރަށް ހަލާކުވެފައެވެ. އެ ސަރަހައްދުގައި "މުލިހި"ތަކެއްހެން ނުވަތަ "ރާޅުބާނި"ތަކެއްހެން ތާރުގަނޑު އުފުލުމުގެ މައްސަލަ ވަނީ ދިމާވެފައެވެ. ފާހަގަކުރެވޭ ގޮތުގައި އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓުގައި ތާރު އަޅައި ނިންމާލީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހުގައެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ. އަމީނީ މަގުގައި މުލިހިތަކެއްހެން ތާރުގަނޑު އުފުލިފައި -- ސަން ފޮޓޯ ނަމަވެސް މިހާރު އަމީނީ މަގުގެ ދެ ފަރާތުން ވަރަށް ބޮޑަށް ތާރުގަނޑު އެކި ގޮތްގޮތަށް އުފުލި، އެ މަގުން ދުއްވާ ގިނަ ބަޔަކަށް އެ ކަމުގެ ނުރައްކަލާއި ތަކުލީފާ ވަނީ ކުރިމަތިލާންޖެހިފައެވެ. ދުއްވަން ނުރައްކާތެރި ގޮތަކަށް އަމީނީމަގު އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ ކަމާ ގުޅޭ ގޮތުން އާންމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ