އޮސްޓްރޭލިއާއިން ހަދިޔާކުރި އައު މަނަވަރު ޚިދުމަތަށް ނެރެފި، ނަމަކީ "އިމާދުއްދީން"
އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާކުރި ނޭވީ މަނަވަރު ރަސްމީކޮށް މިރޭ ޚިދުމަތަށް ނެރެފިއެވެ. އެ މަނަވަރު ރާއްޖެ ގެނައީ މިދިޔަ މަހުގެ 15ވަނަ ދުވަހެވެ. މަނަވަރު ކޮމިޝަންކުރައްވައި ޚިދުމަތަށް ނެރެދެއްވީ އެކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އެ މަނަވަރަށް ދިން ނަމަކީ "އިމާދުއްދީން"އެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައު މަނަވަރު އިފްތިތާހުކޮށްދެއްވަނީ --- ފޮޓޯ: ސްކްރީންޝޮޓް އެމްއެންޑީއެފުން އޭރު ބުނީ މި މަނަވަރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެއް ކަމަށެވެ. މި މަނަވަރަކީ އެމްއެންޑީއެފުން ބުނި ގޮތުގައި، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު މަނަވަރެކެވެ. މި މަނަވަރާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ، މި މަނަވަރަށް "އިމާދުއްދީން"ގެ ނަމުން ނަން ދެވިފައި ވަނީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އެއްވަނަ އަށް ނިސްބަތްކޮށް، އަދި އެމަނިކުފާނު ރާއްޖޭގެ ދިފާއު ވަރުގަދަ ކުރުމަށް ކުރެއްވި މަސައްކަތްޕުޅަށް ބިނާކޮށް ކަމަށެވެ. މިއީ ކަނޑުމަތީގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓްކުރުމަށް އެންމެ ޒަމާނީ ނިޒާމުތަކާއި ޓެކްނޮލޮޖީ އެކުލެވޭ ގޮތަށް ފަރުމާކުރި އުޅަނދެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އައު މަނަވަރު ކޮމިޝަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ސްކްރީންޝޮޓް މި މަނަވަރު ރާއްޖެ އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓުކުރާނެ ގޮތުގެ ޚާއްސަ ތަމްރީނުތައް ފުރިހަމަކޮށްފައެވެ. މި އުޅަނދުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ކަނޑުމަތީގައި ހިންގާ ގާނޫނާ ޚިލާފު އަމަލުތައް ހުއްޓުވުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ގާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި މިއީ ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ރާއްޖޭން އަދާކުރާ ދައުރަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމްއެންޑީއެފުން ސިފަކުރެއެވެ. https://sun.mv/223380 ފާހަގަކުރެވޭ ގޮތުގައި މިދިޔަ އަހަރުގެ ތެރޭ ތުރުކީވިލާތުން ވެސް ވަނީ ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާކޮށްފައެވެ. އޭގެ އިތުރުން ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޑްރޯންތަކެއް ވެސް ތުރުކީވިލާތުން ގަނެ, ރާއްޖެ ގެނެސްފައިވެއެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސްގެ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ