ވެރިކަން ވައްޓާލުމަށް ކުރި "ބަޣާވާތުގައި" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސް ދައުރެއް އަދާކުރެއްވިކަން ތަހުގީގުތަކުން ކަށަވަރުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށްފަހު މާލޭ ވަޑައިގެން އެމްޑީޕީން އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ބައިނަލްއަގުވާމީ ފަރާތްތައް ބައިވެރިވާ އިންސާފުވެރި ތަހުގީގަކަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ޖަމާއަތަކަށް ހުށަހަޅުއްވާ މައްސަލައެއް ކަމެއް ނަޝީދު ވިދާޅެއް ނުވެ އެވެ.
އެމަނިކުފާނު ވިދާޅުވީ ބައިނަލް އަގުވާމީ މިނިވަން ފަރާތްތައް ބައިވެރިވާ ތަހުގީގަށް އެއްބާރުލުން ދެއްވައި ފެބްރުއަރީ 7، 2012 ގައި ހިނގައިދިޔަ ކަންތައްތައް "އަލިފުން ޔާއަށް" ކިޔައިދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު އެދުވަހު ވެރިކަމާ ދެކޮޅަށް ނުކުތީ އެމަނިކުފާނު އަވާހަރަކޮށްލަން ކަމަށާއި އެކަން ތަހުގީގުން ފަޅާއަރާނެ ކަމަށެވެ. އަދި އެކަމުގައި ރައީސް މައުމޫން ހުންނެވި ކަމަށާއި އެކަން ތަހުގީގުތަކުން އެނގިގެންދާނެ ކަމަށް ކަށަވަރުވާ ކަމަށެވެ.
"އެމްއެންޑީއެފްގެ ތެރޭގައި ތިބި ޖެނަރަލުންނަަށް އިރުޝާދު ދެމުންދިޔައީ ކޮން ބޭފުޅުންނެއްތޯ؟ ނާޒިމުއާ އެއްބަސްވީ ކޮން ޖެނަރަލަކު ވިދާޅުވީމާތޯ؟ ސިފައިންގެ އާއި ގޭޓް ހިމަޔާތް ކުރަންތިބި ސިފައިންގެ އަތް ބަދެވިގެންދިޔައީ ކޮން އޮފިސަރެއްގެ އަމުރަކަށްކަން ތަހުގީގުތަކުން އެނގިގެންދާނެ،"
ނަޝީދު ވިދާޅުވީ ބަޣާވާތް ކުރި މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދެއްވާނެ ކަމަށާއި އެމްޑީޕީން އެކަމަށް ބާރު އަޅާނެ ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ ވެރިކަން ބަދަލުވި ދުވަހު ޖުމްހޫރީ މައިދާނުގައި އިހްތިޖާޖު ކުރަމުންދިޔަ ފުލުހުން ހަންމަތަ ކުރުމަށް ސިފައިންގެއިން ނުކުންނަށް އުޅުނު ސިފައިން ހުއްޓުވަން އެމްއެންޑީއެފްގެ އޮފިސަރުންތަކެއް މަސައްކަތް ކުރި ކަމަށެވެ. އަދި އެދުވަހު އެ އޮފިސަރުން ދައްކަމުން ދިޔަ ވާހަކަތައް ރެކޯޑް ކުރެވިފައިވާ ކަަމަށް ނަޝީދު ވިދާޅުވި އެވެ.
"އެ ރެކޯޑުތައް މިއަދު މިދަނީ އަޅުގަނޑުމެންނަށް ފެންނަމުން. އެއީ މިއަދު އެމްއެންޑީއެފްގެ ޗީފް އޮފް ސްޓާފް ކަމުގައި ވިޔަސް ވެސް. އަދި މިއަދުގެ އެހެން ބާވަތެއްގެ އޮފިސަރެއް ކަމުގައި ވިޔަސް ވެސް މިދެންނެވި ރިކޯޑުތައް ހުރީ މާ ރަނގަޅަށް ރިކޯޑް ކުރެވިފައި. އެކަންތައްތައް ރަނގަޅަށް އަޅުގަނޑުމެންގެ ތެރެއަށް ހާމަވެގެންދާނެ. އެއީ ބަޣާވާތެއްކަން މުޅި ދުނިޔެއަށް އެނގިގެންދާނެ ކަމީ އަޅުގަނޑު ޝައްކު ކުރާ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އަވަސް އިންތިހާބަކަށް ގޮވާލައި އެމްޑީޕީން އަޑު އުފުލަމުންދާ އިހޖްތިޖާޖުތަކަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ދިގުދެމިގެންދާ މުޒާހަރާއަކަށް އެމްޑީޕީން ވަރަށް އަވަހަށް ނުކުންނާނެ ކަމަށެވެ. އަދި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލް ކުރުމަށްފަހުގައި ނޫނީ އިހްތިޖާޖުގެ މައިދާން ދޫކޮށްނުލާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކަންކަން ހައްލު ކުރެވޭ ވަރުގެ ބޮޑު ދިގުދެމިގެންދާ މުޒާހަރާއަކަށް. މުޅި ދުނިޔޭގެ ރައްޔިތުންނަަށް ދިވެހިންގެ އެދުން ރަނގަޅަށް ހާމަވެގެންދާ ވަރުގެ މުޒާހަރާއަކަށް. އަޅުގަނޑުމެން އެ މުޒާހަރާ އިންތިޒާމް ކުރާނަން. އަޅުގަނޑުގެ ގާތުގައި ގައުމުތަކުން އެބައަހާ ދިވެހިންގެ އިތުރުންވެސް ދިވެހިންނަށްޓަކާ އަޅުގަނޑުމެންކޮށްދޭންވީ ކޮން ކަމެއްތޯ. އަޅުގަނޑު ބުނާނީ ރާއްޖެއަންނާށޭ. މުޒާހަރާ ކުރުމަށްޓަކާ ރާއްޖެ އަންނާށޭ،" ނަޝީދު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި އެމްޑީޕީގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވެވި ބޭފުޅުންނާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އިތުރުން އާންމުގެ ގިނަ ބަޔަކު އުސްފަސްގަނޑަށް ޖަމާވި އެވެ.
ބަޣާވާތުގައި މައުމޫން ބައިވެރިވިކަން ތަހުގީގުން ކަށަވަރުވާނެ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ