ރާއްޖޭގައި ސިޔާސީ ޕާޓީތައް ހަދައިގެން ހަރަކާތްތެރިވާން ފެށި ފަހުން، އެންމެ އާންމުކޮށް އިވޭ އެއް އަޑަކީ ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ވާހަކަ އެވެ. އެމަނިކުފާނު މާގިނަ ދުވަހު ރާއްޖޭގައި ވެރިކަން ކުރައްވައިފި ކަމަށާއި، ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އާ ބަދަލަކަށް ބޭނުންވެފައި ތިބި ވާހަކަ އެވެ. އެހެންވެ އެ ޕާޓީން މައުމޫނުގެ ވެރިކަން ތިން މަސް ދުވަހުގެ ތެރޭގައި ވައްޓައިލާނެ ކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް އެތައް ފަހަރެއްގައި ދީފައިވެ އެވެ. އެމްޑީޕީ އުފެދިގެން މިހާތަނަށް ވެސް އެ ޕާޓީ އާއި ފަހުން އެޕާޓީ އަށް ތާއީދުކުރި ހުރިހާ ފަރާތްތަކެއްގެ ވެސް އެންމެ ބޮޑު މަގުސަދަކަށްވެފައި އޮތީ މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނެވޭނެ ގޮތްތަކެއް ހޯދުމެވެ.
ރާއްޖޭގައި އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރި ފުރަތަމަ އިންތިހާބުގެ ދެ ބުރު ވެސް މި މަހުގެ ތެރޭގައި ނިމިގެން ދިޔައީ އެވެ. ނަތީޖާ ވެސް ލިބުނީ އެވެ. އުފާފާޅު ކުރުމުގެ ފުރުސަތު މިފަހަރު ބޮޑު އަގުލަބިއްޔަތުކުން ލިބުނީ މިއޮތް ހުރިހާ ދުވަހު ބަދަލަކަށް ބޭނުންވެގެން މަސައްކަތް ކުރި މީހުންނަށެވެ. އެމީހުންގެ އުންމީދުތައް ހަގީގަތަކަށް ވެގެން ދިޔައީ އެވެ.
އިންތިހާބުހެ ނަތީޖާ ރޭ އިއުލާން ކުރަމުން ދިޔަ އައްޑު އަތޮޅުގައި ބަދަލަކަށް ބޭނުންވެގެން ތިބި މީހުން އުފާފާޅުކޮށް އެ މީހުންގެ ޝުއޫރުތައް ހާމަ ކުރަމުން ގޮސްފައިވެ އެވެ. އިއުލާން ކުރެވޭ ނަތީޖާތަކުން އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ކުރި ހޯއްދަވަމުން ދިޔައިރު އޭނާ އަށް ތާއީދު ކުރާ ފަރާތްތަކުން އަތްތިލަ ބަޑި ޖަހައި، ޝުއޫރުތައް ފާޅުކުރަމުން ގޮސްފައިވެ އެވެ. އަދި އެކަމުގެ އުފަލުގައި ގިނަ ބަޔަކު ރޭ ނުނިދާ ހޭލައި ތިބެ މިއަތޮޅުގެ ގުޅިފައިވާ ހަތަރު ރަށުގައި ވަނީ ވެހިކަލް ބުރެއް ވެސް ޖަހައިފަ އެވެ.
"މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނެވިއްޖެ. އަޅުގަނޑުމެން ބޭނުންވި ގޮތަށް ދެން މިރާއްޖޭގައި ވެރިކަން ކުރާނީ އާ ރައީސެއް،" މަރަދޫ ސްކޫލުގައި ބަހައްޓައިފައިވާ ވޯޓް ފޮށީގެ ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ އެރަށު ޒުވާނަކު ބުންޏެވެ. "އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ޔަގީންކޮށްގެން ތިބީ އިންތިހާބު އަންނި ކާމިޔާބު ކުރައްވާނެ ކަމަށް. މިއީ ހަމަ އަޅުގަނޑުމެންގެ ފަހަރު."
ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަން ފެއްޓެވީއްސުރެ އަންނި ވެސް ތަކުރާރުކޮށް އަދި ވަރަށް ޔަގީންކަމާ އެކު ވިދާޅުވަމުން ގެންދެވި އެއް ވާހަކައަކީ "ނޮވެންބަރު މަހުގެ 11 ވާ އަންގާރަ ދުވަހު ހުވާކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް" ކަމަށެވެ.
އެކަން ހަގީގަތަކަށް ވުމުން އަންނިއަށާއި އިއްތިހާދަށް ތާއީދު ކުރާ ފަރާތްތަކުން އުފާފާޅު ކުރަން ފަށައިފައިވާ އިރު، މިވަރުގެ އުފަލެއް ދުވަހަކު ވެސް ނުލިބޭ ކަމަށް ބައެއް މީހުން ބުނެފައި ވެ އެވެ. އަދި މިކަން އެކި ގޮތްގޮތުން ރައްޔިތުން ފާހަގަ ނުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އިއްތިހާދަށް ތާއީދު ކުރާ ފަރާތްތަކުން ބުންޏެވެ.
އިއްތިހާދުގެ ފަރާތުން އައްޑު އަތޮޅުގައި ކެމްޕޭން ހަރަކާތްތައް ހިންގެވުމުގައި އުޅުއްވި ގައުމީ އިއްތިހާދު ޕާޓީގެ ނާއިބް ރައީސް ޑރ. މުސްތަފާ ލުތުފީ ވެސް ވިދާޅުވެފައި ވަނީ އެއްވެސް ޝައްކަކާ ނުލައި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީން އޮތް ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން، ކާމިޔާބު ނުކުރެވިއްޖެ ނަމަ ކަންތައްތައް ކުރާނެ ގޮތަކާ މެދު ވިސްނައިފައި ވެސް ނުވާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އިންތިހާބު އެއްވެސް ދަތިކަމެއް ނެތި އެމްޑީޕީ އިއްތިހާދު ކާމިޔާބު ކުރީ މިއީ ސީރިއަސް ކަމެއްގެ ގޮތުގައި ދެކިގެން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެން ހުރިހާ މަރުހަލާއެއްގައި ވެސް މިކަން ކުރީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ދެކިގެން. އެހެންވެ އަޅުގަނޑުމެންނާ ދެކޮޅަށް ވާދަ ކުރި އަނެއް ކެންޑިޑޭޓްގެ ޕާޓީ އާ ހިލާފަށް ކެމްޕޭނުގައި ދުއާކޮށް ތަކުބީރު ކިޔައި ގުރުއާނުގެ ކަލިމަފުޅު ކިޔަވައި އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކަށް އެދުނީ،" ޑރ. މުސްތަފާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު 2008: ބަދަލަކަށް ބޭނުންވި މީހުންގެ އުންމީދު ހަގީގަތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ