ދަރިފުޅު ލައްވައި ގަދަކަމުން ހަށިވިއްކުވި އަންހެނަކު ބަންދު ކުރުމަށް ހައި ކޯޓުން އަމުރު ކޮށްފި

ދެކުނުގެ ރަށެއްގައި 16 އަހަރުގެ އަންހެން ދަރިފުޅު ލައްވައި ގަދަކަމުން ހަށިވިއްކުވި އަންހެނަކު ބަންދު ކުރުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.
އެ އަންހެން މީހާ ހައްޔަރު ކޮށްފައި ވަނީ އަމިއްލަ ދަރިފުޅު ގަދަކަމުން ހަމަ އެ ރަށު މީހަކަށް ވިއްކި ކަމުގެ ތުހުމަތުގަ އެވެ. ދަރިފުޅު އެރަށު ފިރިހެން މީހާ ކައިރިއަށް ގަދަކަމުން ފޮނުވުމަށްފަހު އޭނާގެ އަތުން ފައިސާ ހޯދަމުންދާ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެ އެވެ.
އެ މައްސަލައިގައި އެ ރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ އެ އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ. ނަމަވެސް ފަހުން ސެޕްޓެމްބަރު ،28 2011 ގައި ވަނީ އެ އަންހެން މީހާ ދޫކޮށްލައިފަ އެވެ. ދޫކޮށްލަމުން ކޯޓުން ބުނެފައި ވަނީ އެ އަންހެން މީހާގެ ބަޔާން ނަގާފައިވުމާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެ އަންހެން މީހާގެ ދަރިފުޅު ވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ބެލުމުގައި ދަށުގައިވުމުންނާއި އެ އަންހެން މީހާ ބަލަންޖެހޭ އިތުރު ކުޑަކުދިންތަކެއް ތިބުމުން ދޫކޮށްލީ ކަމަށް ވެސް މެޖިސްޓްރޭޓް ކޯޓުން ބުނެފައިވެ އެވެ.
އެ މައްސަލައިގައި ހައި ކޯޓުން ކޮށްފައި ހުކުމުގައި ބުނެފައި ވަނީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އަދި މި ނޮވެމްބަރު 2 އިން ފެށިގެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެ އަންހެން މީހާ ބަންދުގައި ބެހެއްޓުމަށް ވެސް ފުލުހުންގެ މައްޗަށް ހައި ކޯޓުން އަމުރު ކުރި އެވެ.
އެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އައްބާސް ޝަރީފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ