ތައުލީމީ ދާއިރާގެ ކަން ކަން އިންސާފުވެރިކޮށް ނިންމުމަށް އެމްޑީޕީން ގޮވާލައިފި

ސުކޫލުތަކުގައި ރައްކާތެރިކަން ޔަގީންކޮށްދިނުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށާއި، ތައުލީމީ ދާއިރާގައި ކަންކަން އިންސާފުވެރިކޮށް ނިންމުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ. 
މަޖީދިއްޔާ ސްކޫލްގެ ޓީޗަރުން އިއްޔެ ހެނދުނު އިހްތިޖާޖުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މަޖީދިއްޔާ ސްކޫލްގައި ދިމާވި މައްސަލައާއި، ސްކޫލް ކުދިންގެ މެދުގައި މި އަހަރު ހިނގާފައިވާ ތަފާތު އަހްލާގީ މައްސަލަތަކަށް ބަލާއިރު ފާހަގަކުރޭ ކަމަކީ ސްކޫލްތަކާއި މުޖުތަމައުގައި ކުދިންގެ އަހްލާގީ މައްސަލަތައް އިތުރުވަމުންދާ މިންވަރު ކަމަށެވެ. މި މައްސަލަތައް ގިނައިން ދިމާވަނީ ދަރިވަރުންތަކެއް ސުކޫލްގެ ރަސްމީ މަންހަޖުން ބާކީކޮށް "ދަސްވާރު"ގެ ނަމުގައި ހިންގާ ޕްރޮގްރާމެއްގައި ބައިވެރިކޮށްފައިވާތީ އެ ކުދިންގެ މެދުގައި ކަމަށްވެސް ބަޔާނުގައިވެ އެވެ. 
މިބަޔާނުގައި ބުނެފައިވަނީ އެކަން ބޮޑު ކަމަކަށް ވަނީ ޓީޗަރުން އިހުތިޖާޖުކުރުމުން އެކަނި ނޫން ކަަމށާއި އެކަން ބޮޑުކަމަކަށްވާ އެންމެ މުހިއްމު ސަބަބަކީ ޓީޗަރަކު ކްލާހެއްގައި ކިޔަވައި ދެމުން ގެންދަނިކޮށް ބޭރުން އެ ކްލާހަށް އައިސް ވަން ދަރިވަރަކު ކްލާހުން ބޭރުކުރަން ޓީޗަރު އުޅުމުން ޓީޗަރު މާރާމާރީ ހިންގީ ކަމަށް ބުނެ ޓީޗަރަށް ހަމަލާ ދޭން ދަރިވަރު އުޅުމުން ކަމަށެވެ. ސްކޫލްތަކުގައި ހިނގައިފާނެ ކަމެއްގައި ޓީޗަރަށް އިންސާފު ލިބިދާނެ ކަމުގެ އިތުބާރު މިހާރު ނެތް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ވަކި ދަރިވަރުންގެ ތެރެއިން ވަކި ބަޔަކީ ނުކިޔެވޭނެ ކުދިންތަކެއްގެ ގޮތުގައި ލޭބަލްކޮށްގެން ގެންގުޅުމަކީ ގޯހެއް ކަމަށެވެ. އަދި އެއީ ސުކޫލް ތެރޭގައާއި ސްކޫލުން ބޭރުގައި އެ ކުދިން ނަފްސާނި ގޮތުންނާއި އަހްލާގީ ގޮތުން ބަލިކަށި ވެދާނެ ކަމެއް ކަމަށާއި އަދި އޭގެ ސަބަބުން ކުށްކުށަށް އަރައިގަންނަ ކުދިންގެ އަދަދު ގިނަވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ސްކޫލް ތެރޭގައާއި ސްކޫލުން ބޭރުގައި ވެސް ކުދިންގެ މިފަދަ މައްސަލަތައް ދިމާވުމުން އެ ކަންކަމާ ގުޅިގެން އަވަސް ފިޔަވަޅުތައް އެޅެމުން ނުދާ ކަމަށެވެ. އަދި ސްކޫލްތަކުގެ ހިންގުމުގެ ތެރެއަށް އެޑިޔުކޭޝަން މިނިސްޓްރީން ވަރަށް ބޮޑަށް ވަދެ ސްކޫލްތަކުގެ ކަންކަން ނިންމުމުގެ ފުރިހަމަ އިހްތިޔާރު ސުކޫލުތަކަށް ނުދޭ ކަމަށްވެސް މިބަޔާނުގައިވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ