އިސްލާމްވި ދުވަސް އަލުން ފާހަގަކުރަން ފެށީ އެހެން ދީންތައް ފެތުރުމަށް ބަޔަކު މަސައްކަތް ކުރާތީ - މައުމޫން

ރާއްޖެ އިސްލާމްވި ދުވަސް ސަރުކާރުން އަލުން ފާހަގަ ކުރަން ނިންމީ، ރާއްޖޭގައި ނަސޯރާ ދީނާއި އެހެން ދީންތައް ފެތުރުމަށް ބަޔަކު މަސައްކަތް ކުރާތީކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މައުމޫން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަން ފެށި އެއް މަގްސަދަކީ ވެސް، ރާއްޖެ އަށް އޭރު އަންނަމުން ދިޔަ އެކި ދީންތަކުގެ ފިކުރާއި ވިސްނުމުން ދިވެހިން ދުރުކޮށް، ދީނީ ވަހުދަތާއި އެއްބައިވަންތަކަން ހިމާޔަތް ކުރުމަށް ކަމަށެވެ.
އަދި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރާއިރު މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެ މިއަދާ ހަމައަށް ވެސް އޮތުމުގެ ސިއްރަކީ އިސްލާމްދީން ކަން ހަނދާން ކުރަންޖެހޭ ކަމަށާއި އަދި ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ ވެސް އަދި ރާއްޖޭގައި ޒަމާނުއްސުރެ އޮތް އަހުވަންތަކަމަކީ ވެސް އެއީ ކަމަށް މައުމޫން ވިދާޅުވިއެވެ.
ސަރުކާރުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަން ފެށި އިރު ރާއްޖޭގައި ނަސޯރާ ދީން ފެތުރުމަށާއި ނުސީދާކޮށް ފިކުރީ ހަނގުރާމައެއްގެ ސިފައިގައި، ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތު ފުނޑުފުނޑުކޮށްލުމަށް ބަޔަކު މަސައްކަތް ކުރަމުން ދިޔަ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
މައުމޫނުގެ ބަޔާނުގައި ވަނީ ދިވެހިންގެ ތެރޭގައި އޮތް އަޚްވަންތަކަމުގެ ގުޅުމުގެ ރޫހު ވަރުގަދަކޮށް، އިސްލާމް ދީން ނޫން އެހެން ދީންތަކަށް ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކާ މެދު ހޭލުންތެރިވެ، އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ.
ތާރީޚުގެ ފަތްފުއްތަކުން އެނގެން އޮތް ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުންއައި އެހެން ދީންތައް ދޫކޮށްލާ ދިވެހި ދައުލަތުން ރަސްމީކޮށް އިސްލާމް ދީން ޤަބޫލުކުރީވެސް އެދުވަހު ކަމަށް ތާރީޚުން ހެކިދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ