އެމްޑީޕީގެ ގެސްޓްހައުސް ސިޔާސަތަށް ގާސިމް ފާޑުވިދާޅުވެއްޖެ

އެމްޑީޕީގެ ގެސްޓްހައުސް ސިޔާސަތަށް ފާޑުވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލިޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވާހަކަ ދައްކަވައިފި އެވެ.
އެމްޑީޕީގެ ގެސްޓްހައުސް ސިޔާސަތަށް ފާޑުވިދާޅުވެ ގާސިމް ވާހަކަ ދައްކަވާފައި ވަނީ ރޭ ޖުމްހޫރީ ޕާޓީގެ ޖަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގައި އިތުރު ގެސްޓް ހައުސްތަކެއް އަޅައި އެ ވިޔަފާރި ތަރައްގީކޮށް ފުޅާކުރާނެ ކަމަށް އެމްޑީޕީން ބުނަމުންދާ އިރު ރާއްޖޭގެ ޓޫއަރިޒަމް ބޮއިކޮޓްކުރުމަށް އެޕާޓީގެ ބައެއް ފަރާތްތަކުން ރާއްޖެ އިން ބޭރުގައި ކެމްޕޭން ކުރަމުން ގެންދާ ކަމަށެވެ. އެހެންކަމުން ބުރަ މަސައްކަތުން ގެސްޓުހައުސް އެޅިކަމަށް ވިޔަސް އެކަމުން ލިބޭނެ މާބޮޑު މަންފާއެއް ނޯންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ ވިދާޅުވީ ފަރުދީ ހައިސިއްޔަތުން ރާއްޖެ އަށް ތަރައްގީ ގެނެސްދެއްވާފައިވާ ހަމައެކަނި ބޭފުޅަކީ ގާސިމް ކަމަށެވެ.
އޭނާ ވިދާޅުވީ ގާސިމަކީ ރައްޔިތުން ބަލައިގެންފައިވާ ރައްޔިތުންގެ ލީޑަރެއްކަމަށާއި ގާސިމް ވަޑައިގަންނަވާ ކޮންމެ ރަށަކުން ވެސް އެ މަންޒަރުން ފެންނަމުންދާ ކަމަށެވެ.
ރޭގެ ޖަލްސާގައި ތިން ކައުންސިލަރަކު ވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވާފަ އެވެ. އެއީ ބ. ފުޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޔާޒު އާއި އެ ކައުންސިލްގެ މެންބަރު މުހައްމަދު ސުޖާއުގެ އިތުރުން އދ. ދިއްދޫ ކައުންސިލްގެ ރައީސް ހުސައިން ޔޫސުފް އެވެ.
ކައުންސިލަރުންގެ އިތުރުން ވެސް ގިނަ އަދަދެއްގެ އާންމުން ވެސް ވަނީ ރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީ އަށް ސޮއިކޮށްފަ އެވެ. އެ މީހުންގެ ތެރޭގައި އުމަރު ނަސީރަށް ތާއީދުކުރާ ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ހިމެނެ އެވެ. އަދި ބައެއް އަތޮޅުތަކުން ވަނީ އެ ރަށްތަކުން އެ ޕާޓީއަށް ސޮއިކޮށްފައިވާ މެންބަރުންގެ ފޯމްތައް ގާސިމްއާ ހަވާލުކޮށްފަ އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރައީސް ޑރ. ޑީޑީ ވިދާޅުވީ ރޭ އަތޮޅުތަކުން ލިބުނު ފޯމްތަކާއި އަދި ރޭ އަލަށް އެ ޕާޓީއަށް ސޮއިކުރި މެންބަރުންގެ އަދަދަށް ބަލާއިރު 2300 އަށް ވުރެ ގިނަ ފޯމް މިހާރު ލިބިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ