ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާ އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރު ނާޒިމް ރަޝާދުގެ ގައިގައި މިދިޔަ ބުދަ ދުވަހުގެ ރޭ ޖަހައި މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ނާޒިމަށް ހަމަލަދިން ކަމަށް ބެލެވޭ 21 އަހަރުގެ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި މީހާގެ އިތުރު ތަފްސީލެއް ޝިޔާމް ނުދެއްވަ އެވެ.
"އޭނަ ހައްޔަރުކޮށް [ނާޒިމަށް ހަމަލަދިނުން] އެއީ ކިހިނެއް ހިނގިކަމެއްތޯ ތަހުގީގުކުރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
ބުދަ ދުވަހުގެ ރޭ 30: 11 ހާއިރު ނާޒިމަށް ހަމަލަދީފައި ވަނީ ބުރުޒުމަގުގައި ހުންނަ ތަންދޫރު ކެފޭ އިން ނާޒިމް ނުކުމެ ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ.
މަންޒަރު ދުށް މީހަކު "ހަވީރަ"ށް ކިޔައިދިން ގޮތުގައި އެ މީހާ ތިން ފަހަރަށް ނާޒިމްގެ އަނގަމަތީގައި ޖެހި އެވެ. އަދި ނާޒިމްގެ ގައިގައި ޖެހުމަށް ފަހު "ކަލޭ މަ މަޖީދިއްޔާ އިން ކަނޑާލިއޭ" ކިޔާފައި މާރާމާރީ ހިންގި މީހާ ނާޒިމާ ދިމާއަށް ހަޅޭއްލެވި ކަމަށް ވެސް އޭނާ ބުންޏެވެ.
ނާޒިމަށް ހަމަލަދިނުމާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި ނާޒިމް ރަޝާދުގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައި ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ރާވައިގެންނެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން ރާވައިގެން ހިންގަމުންދާ ފިނޑި އަމަލުތަކަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅައި ބިރުދެއްކުމަށް ގަސްދުގައި ހިންގަމުން ގެންދާ ނާތަހުޒީބު އަމަލުތަކެކެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މެމްބަރު ނާޒިމަށް ހަމަލަދިން މީހާ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ