ސަރުކާރަށް ކުރި ތާއިދު އަނބުރާ ގެންގޮސްފި ކަމަށާއި ދެން މިސަރުކާރަށް ތާއިދު ނުކުރައްވާ ކަމަށް ޕީޕީއެމްގެ ރައީސް އަދު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މިރޭ ޕީޕީއެމްގެ އޮފީހުގައި ބާއްވަން އުޅުނު ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން ކުއްލިގޮތަކަށް ރައީސް މައުމޫން ފެކްޝަންގެ ކައުންސިލް މެންބަރުންނާއިއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫން ވިދާޅުވީ "މި ސަރުކާރަކީ ޕީޕީއެމްގެ އުސޫލުތަކާ އެއްގޮތަށް ހިނގާ ސަރުކާރެއް ނޫން. އެހެންވެ ސަރުކާރަށް ދިން ތާއީދު އަނބުރާ ގެނެސްފިން. މި ސަރުކާރަށް ދެން ތާއީދެއް ނުކުރާނަން." ކަމަށެވެ.
ޕީޕީއެމްގެ މަޤުޞަދުތަކާއި ސަރުކާރު ހިލާފުވެފައިވާ ކަމަށް ވިދާޅުވެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ދެއްވި ގާތްގަނޑަކަށް 30 މިނެޓްގެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ މިއީ ޕީޕީއެމްގެ ސަރުކާރެއްކަމަށާއި ޕީޕީއެމްގެ ފިކުރަކީ އެންމެ ފުރަތަމަ ގައުމު، ގައުމީ މަސްލަހަތު ހިމާޔަތް ކުރުން ކަމަށެވެ.
ގައުމީ މަސްލަހަތު އެއްފަރާތްކޮށް، އަމިއްލަ މަސްލަހަތު އިސް ކުރާ ސަރުކާރަކީ ހަގީގަތުގައި ޕީޕީއެމްގެ ސަރުކާރެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"ރައްޔިތުންނަށް ގެއްލުން ދިނުމަކީ ވެސް ޕީޕީއެމްގެ ސަރުކާރަކުން ކުރާނެ ކަމެއް ނޫން. އެކަމަކު، ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް މި ސަރުކާރުން ގިނަ ގާނޫނުތަކެއް ފާސްކޮށްފި. އަޅުގަނޑު ތާއީދުކުރާ ޕާޓީއަކުން އެފަދަ ކަމެއް ކުރާކަށް ބޭނުމެއް ނޫން. އެއީ އެ ކަންކަމުގެ ޒިންމާ އަޅުގަނޑު އުފުލަން ޖެހޭނެތީ. އެ މައްސަލަތައް ޕާޓީގެ މެމްބަރުން ވެސް އަޅުގަނޑާ ހަމައަށް ގެނޭ." ރައިސް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްގެ އެތެރޭގައި މައްސަލަ ޖެހުނީ ޕީޕީއެމްގެ އުސޫލުތައް ގަބޫލު ނުކުރާ ބަޔަކު ޕާޓީ ތެރެއަށް ވަނުމުން ކަމަށް ވިދާޅުވެ ރައީސް މައުމޫން ވަނީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިން އުފެއްދެވި ޕީއޭ އަށް ފާޑުވިދާޅުވެފައެވެ.
"މިސާލަކަށް ޕީއޭގެ ވަރަށް ގިނަ މެމްބަރުން ޕީޕީއެމްގެ ތެރެއަށް ވަދެއްޖެ. ގިނަ މުއައްސަސާތަކުގައި ވެސް ތިބީ ޕީއޭގެ މެމްބަރުން. އެ މީހުން ދަނީ ޕީޕީއެމްގެ ހެދުން އަޅައިގެން އޮޅުވާލަމުން." ރައީސް މައުމޫން ވިދާޅުވިއެވެ.
ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ މައުމޫން ވިދާޅުވީ ހުރިހާ މުއްސަސާތަކާއި މުޅި ގައުމު ބޯލަނބަލަން ޖެހިފައި ވަނީ، އެއް ބޭފުޅަކު އަންގަވާ ގޮތަކަށެވެ. ކޮރަޕްޝަން ހުއްޓުވަން މަސައްކަތެއް ނުކުރާއިރު ކޮރަޕްޝަން އިންތިހާ އަށް އެބައޮތް އެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންނަށް ގެއްލުންވާ ފަދަ އެތައް ކަމެއް ހިންގާފައިވާ ކަމަށް ވިދާޅުވެ އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލާއި ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތައް ޤާނޫނު އަސާސީ އަށް ގެނެސްފައިވާ އިސްލާހު މައުމޫން ފާހަގަ ކުރެއްވެވިއެވެ.
"އިސްލާހީ މަސައްކަތަށް ދަނީ ހުރަސް އަޅަމުން. އިސްލާހު، އެ ބަސް އަޑުއަހަން ވެސް ބައެއް މީހުން ހިތެއް ނުުރެހޭ. އެ ލަފްޒު ބުނާ މީހަކީ ސަރުކާރާ ދެކޮޅު، އެމްޑީޕީ މީހަކަށް ހަދާ. އަޅުގަނޑުމެންނަކީ އެމްޑީޕީ މީހުންނެއް ނޫން" ރައީސް މައުމޫން ވިދާޅުވިއެވެ.
ސަރުކާރަށް ކުރި ތާއިދު މައުމޫން އަނބުރާ ގެންދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ