ވެރިކަމުގައި ހުންނެވިއިރު ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރު ކުރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިނަލްއަޤުވާމީ މީޑިއާގައި އިއުތިރާފް ވެއްޖެއެވެ.
އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދެދުވަހުގެ ދަތުރުފުޅެއްގެ ތެރެއިން އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ވަޔާ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ކޮމާންޑާ އިން ޗީފްގެ ހައިސިއްޔަތުން އަބްދުﷲ ގާޒީ އާއި މެދު އަމަލު ކުރެއްވުނީ އެންމެ ރަނގަޅަށް ނޫންކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އެއީ އަޅުގަނޑަށް ރަނގަޅަށް ކުރެވުނު ކަމެއް ނޫން. އެއީ އެއަށް ވުރެ ރަނގަޅަށް ކުރެވެން އޮތް ކަމެއް. އަޅުގަނޑު ފަނޑިޔާރު މަގާމުން ވަތްކެއް ނުކުރަން. ނަމަވެސް ރަނގަޅު ވާހަކައެއް ކޮމާންޑާ އިން ޗީފް (ސިފައިންގެ އެންމެ މަތީ ވެރިޔާ) އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރީ އަޅުގަނޑު." ރައީސް ނަޝިދު ވިދާޅުވިއެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ ހެދުނު ގޯހެއް ކަމަށް އިންޑިއާގެ ނޫހަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވުމަށް ފަހު އެމަނިކުފާނު ވަނީ އެއިންޓަވިއުގައި ވެސް އިތުރުފުޅު ހައްދަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ އާއި މެދު ފިޔަވަޅު އަޅަން ޖެހުނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން މަގާމު ދޫކޮށްލުމަށް އަބްދުﷲ ގާޒީ އަށް އެންގުމުން މަގާމު ދޫކޮށްލަން އަބްދުﷲ ގާޒީ ދެކޮޅު ހެއްދެވުމުން ކަމަށެވެ. ރައީސް ނަޝީދު އެހެން ވިދާޅުވި ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން އަބްދުﷲ ގާޒީ އަށް މަގާމުން ދުރަށް ވަޑައިގަންނަވަން އަންގަވާފައެއް ނުވެއެވެ.
ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުނު މައްސަލާގައި ސުޕްރީމް ކޯޓުގެ ޙުކުމް ލަސްވަނީ ސުޕްރީމް ކޯޓުގެ ގިނަ ފަނޑިޔާރުން ތިއްބެވީ ސަރުކާރާ ދެކޮޅަށް ކަމަށްވާތީ ކަމަށް ވެސް ރައީސް ނަޝީދު އިންޓަވިއުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ނޫން ކަމަށް ގިނަ ފަނޑިޔާރުން ގަބޫލުކުރައްވާ ކަމަށެވެ.
ރައީސް ނަޝީދުގެ އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ޤާނޫނާއި ހިލާފަށް ބަދަލުކުރުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
ގާޒީ ހައްޔަރުކުރަން އަމުރުކުރިކަމަށް ބައިނަލްއަޤުވާމީ މީޑިއާގައި ނަޝީދު އިއުތިރާފްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ