ގޮނޑި ގެއްލޭ މެމްބަރުން އަލުން ހޮވައިދިނުމަށް މަސައްކަތް ކޮށްދޭނަން - މައުމޫން

ސުޕްރީމް ކޯޓުގެ ހުކުމާއެކު ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ މެމްބަރުން އަލުން ހޮވައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވުމުން ގޮނޑި ގެއްލިއްޖެ ކޮންމެ މެމްބަރަކު އަލުން ހޮވައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިއަދު ހަވީރުއެވެ.
މި ނިންމުމުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވޭއިރު ހުންނަ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވިޔަސް، ޕާޓީން ވަކިވިޔަސް، ވަކި ކުރިޔަސް އަދި އެހެން ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
މިފަދަ ހާލަތެއް މެދުވެރިވެގެން ގޮނޑި ގެއްލޭ މެމްބަރުންނަށް ވެސް އަލުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރިއިރު ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ ޕީޕީއެމްއިން ވަކިވުމަށް ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންތަކެއް ދާދިފަހުން ހުށަހަޅާފައެވެ. ނަމަވެސް އެ މެމްބަރުން ވަކިކުރުމާ މެދު ގޮތެއް ނިންމާނީ މިމަހުގެ ތިންވަނަ ދުވަހު ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ބަލައި ނިމުމުން ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޕީޕީއެމްއިން ވަނީ އެ ޕާޓީން މީގެކުރިން ވަކިކޮށްފައިވާ އެހެން ބައެއް މެމްބަރުންގެ މައްސަލަތައް ވެސް އަލުން ބެލުމަށް ނިންމާފައެވެ.
އެ މައްސަލަތަށް ބެލުމަށްފަހު ދެން ޕާޓީން ވަކިކޮށްފިނަމަ އެ މެމްބަރުންގެ ގޮނޑި ގެއްލޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ