މިއަދު ވޯޓެއް ލިޔަސް ރީތިކޮށް އެމްޑީޕީ ބަލިކޮށްލާނަން – އުމަރު

މިއަދު ވޯޓެއް ލީނަމަވެސް ވަރަށް ރީތިކޮށް އެމްޑީޕީ ބަލިކޮށްލާނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ދިޓީވީ ޚަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ކުރިންވެސް އެމްޑީޕީ ބަލިކޮށްފައި ވާނެކަމަށާއި މިހާރުވެސް އެމްޑީޕީ އެކަނި ވާދަކޮށްފި ނަމަ ބަލި ކުރައްވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ މޭ 1 ވަނަ ދުވަހު ބޭއްވި މުޒާހަރާގައި ވެސް ބައިވެރިވީ ފަނަރަ ހާސް މީހުން ކަމަށާއި ތިރީސްހާސް މީހުން ބައިވެރިވި ކަމަށް ބުނެ އެމްޑީޕީން ހަދަނީ ދޮގު ކަމަށެވެ.
މިނިސްޓަރ ވިދާޅުވި އެދުވަހުގެ މުޒާހަރާގައި ބައިވެރިވުމަށް 300 އަށްވުރެ ގިނަ ކައުންސިލަރުން އައި ކަމަށް އެމްޑީޕީން ބުނާއިރު، އެއީ ވަރަށް އެކަށީގެންވާ އަދަދެއް ކަމަށެވެ. އަދި އެދުވަހުގެ މާލޭގެ މަގުމަތިން ފެނިގެން ދިޔައީ އެމްޑީޕީގެ 90 އިންސައްތަ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އެދުވަހު ޖުމްލަ ހަމަވީ 15،000 އެއްހާ މީހުން. 30000 މީހުންނޭ މަގުމައްޗަށް ނުކުތީ އެބުނަނީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑު ގާތަށް ހިނި އާދޭ." އުމަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި މީހުން މަގުމައްޗަށް ނެރުމުގެ "ސިޔާސީ ކުޅިވަރު" ގައި "އޭ މާކްސް" ލިބިގެން ފާސްވާ މީހުން ތިބީ އަދުގެ ސަރުކާރުގައެވެ.
އެހެންކަމުން މަގުމައްޗަށް މީހުން ނުކުތުމުން، އެއީ ކިހާ މީހުންނެއް ކަމާއި، އެމީހުން ބޭނުންކޮށްގެން ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"ބޮޑު ފަޅި އަކީ ކޮބައިކަން ވަރަށް ސާފުކޮށް އެބަ އެނގޭ. ބޮޑު ފަޅިއަކީ އެމްޑީޕީ ނޫންކަން އަޅުގަނޑުމެން އެންމެނަށް ވަރަށް ސާފު. މިއަދު ވޯޓެއް ލިޔަސް އަޅުގަނޑު ސާފުކޮށް މި ދަންނަވަނީ އެމްޑީޕީ އެކަނި ނުކުމެ އަޅުގަނޑު މެންނާ އެކު ވޯޓު ލައިފިއްޔާ ބަލި ކުރާނަން. ކުރީ ދުވަހު ބަލި ކުރި ގޮތަށް މިއަދުވެސް ބަލި ކުރާނަން." މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ