ޢާއިޝަތު ރަފާޙް ޢަލީ
އަޅުގަނޑުމެންގެ އަތުގައިވާ މުދަލާއި ފައިސާއަކީ މާތްﷲގެ ޙަޟްރަތުން އަޅުގަނޑުމެންނާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. އަދި އަޅުގަނޑުމެންގެ ދިރިއުޅުމަކީވެސް އެފަދަ އަމާނާތެކެވެ. މި ދެ ކަމަކީވެސް މާތް ﷲ ގެ ޙަޟްރަތަށް ނިސްބަތްވާ ދެ ކަމެވެ. އެހެންކަމުން، ޤިޔާމަތް ދުވަހުގައި މާތްﷲ އަޅުގަނޑުމެންނާ ސުވާލު ކުރައްވާނެއެވެ. އަޅުގަނޑުމެންގެ ވަގުތު ހޭދަކުރީ ކިހިނެއްތޯއާއި، މުދާ ހޭދަކުރީ ކޮން ގޮތަކަށްތޯއެވެ. މާތްﷲ އެ ތަކެތި އަޅުގަނޑުމެންނާ ޙަވާލުކުރެއްވީ އަމާނާތެއްގެ ގޮތުގައެވެ. އަޅުގަނޑުމެން އެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓިންތޯއެވެ؟
އެ ތަކެއްޗަކީ އަޅުގަނޑުމެންގެ އަމިއްލަ އެއްޗެހި ނަމަ، މާތްﷲ އަޅުގަނޑުމެންނާ ސުވާލުކުރައްވާނެ ކަމެއް ނެތެވެ. އެހެނީ އެއީ އަޅުގަނޑުމެންގެ އަމިއްލަ އެއްޗެހި ކަމުގައިވާނަމަ، އަޅުގަނޑުމެން ބޭނުން ގޮތަކަށް، ބޭނުން ވަގުތެއްގައި، ބޭނުން ކަމެއް ކުރެވިދާނެއެވެ. އެހެންނަމަވެސް، އެ ހުރިހާ އެއްޗަކީވެސް މާތް ﷲ އަށް ނިސްބަތްވާ
ތަކެތިކަން އަޅުގަނޑުމެންނަށް ވިސްނޭ ހިނދު، އަޅުގަނޑުމެންނަށް ދިރިއުޅުން ރަނގަޅަށް ބެލެހެއްޓޭނެއެވެ.
ކަންކަން އަޅުގަނޑުމެން ބޭނުންވާ ގޮތަށް ނުހިނގާ ހިނދު، އަޅުގަނޑުމެން ކިޔަނީ 'الحمد لله على كل حال' އެވެ. އެބަހީ ހުރިހާ ޙާލަތެއްގައިވެސް އަޅުގަނޑުމެން ކިޔަނީ 'الحمد لله އެވެ. އަޅުގަނޑުމެންވަނީ މާތްﷲގެ ޙަޟްރަތުންނެވެ. އަޅުގަނޑުމެން ނިސްބަތްވަނީ އެކަލާނގެއަށެވެ. ދުނިޔެވަނީ މާތްﷲގެ ޙަޟްރަތުންނެވެ. އެ ނިސްބަތްވަނީ އެކަލާނގެއަށެވެ. ޙާލަތްތައްވަނީ މާތްﷲގެ ޙަޟްރަތުންނެވެ. އަދި މި ހުރިހާ ޙާލަތްތަކެއް ނިސްބަތްވަނީ މާތްﷲއަށެވެ. މާތްﷲ އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ދެއްވައެވެ. އަދި މާތްﷲ އެކަލާނގެ މިލްކުވެވޮޑިގެންވާ އެއްޗެއް އަތުލައްވައެވެ.
އެހެންވެ މީހަކު މަރުވާ ހިނދު، އަޅުގަނޑުމެން އެކަކު އަނެކަކަށް ހަނދާންކޮށްދެނީ 'إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ' އެވެ. ހަމަކަށަވަރުން އަޅުގަނޑުމެން ނިސްބަތްވަނީ މާތްﷲއަށެވެ. މާތްﷲ އަތުލެއްވީ އެކަލާނގެ މިލްކުވެވޮޑިގެންވާ އެއްޗެކެވެ.
އަޅުގަނޑުމެންނަށް މީގެ އެންމެ ބޮޑު ހެއްކަކީ ޣައްޒާގެ 15 މަސްދުވަހުގެ ހަނގުރާމައެވެ. މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ގެއްލުނު ތަކެތި އަނބުރާ ދެއްވާށިއެވެ. އާމީން. އަދި އެބައިމީހުންގެ ޝަހީދު ޤަބޫލުކުރައްވާށިއެވެ. އާމީން. އަދި އެބައިމީހުންގެ ބަލިމީހުންނަށް ޝިފާ ދެއްވާށިއެވެ. އާމީން. އަދި އެބައިމީހުންގެ މަރުވެފައިވާ މީހުންނަށް ރަޙްމަތްލައްވާށިއެވެ. އާމީން. އަދި މާތްﷲ އެބައިމީހުންނަށް ކާންދެއްވައި، ހެދުން ދެއްވާށިއެވެ. އާމީން.
އާހް! މާތް ﷲ އެވެ! ކިހާ ބޮޑު އިމްތިޙާނެއްތޯއެވެ. އެހެންނަމަވެސް، އެބައިމީހުންގެ ކެތްތެރިކަމާއި އީމާންކަމަށް ބައްލަވާށެވެ. އެއްފަހަރާ 15 ޢާއިލާގެ މެންބަރުން ވަޅުލަމުން، އެބައިމީހުން ކިޔަނީ 'ﷲ އަކްބަރު' އެވެ. މާތްﷲ އެންމެ މަތިވެރިއެވެ. މުސްލިމުން ނޫން މީހުންވެސް ޣައްޒާގެ މީހުންގެ ސަބަބުން ބާރުވެރިވެފައިވެއެވެ. އެބައިމީހުން އަޖައިބުވެ ސުވާލުކުރަނީ 'މިއީ ކޮން ކަމެއްތޯއެވެ؟ މިއީ ކޮން ބައެއްތޯއެވެ؟ މިކަން ކުރަނީ ކާކުތޯއެވެ؟ އަމިއްލަ މަރުވެފައިވާ ދަރިފުޅު އުފުލައިގެން، މޫނުމަތީގައި ހިނިތުންވުމަކާއެކު، ފުރިހަމަ ހަމަޖެހުމާއެކު މިކަން ކުރަނީ ކާކުތޯއެވެ؟'
- ޝައިޚް ޑރ. ސާޖިދު ޢުމަރުގެ ދަރުސަކުން
ހަމަކަށަވަރުން މި ޙަޤީޤަތްތައް ޤަބޫލުކޮށް ޢަމަލުކުރާ މީހާ ދެދުނިޔެ ކާމިޔާބުކޮށްފިއެވެ! އިން ޝާ ﷲ: ޝައިޚް ޑރ. ސާޖިދު ޢުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ