ވައިގެ މަގުން އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތކެތި އަތުލައިގެންފި ވައިގެ މަގުން އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތކެތި އަތުލައިގެންފި

ވައިގެ މަގުން އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނީ މިރޭ (ޖޫން 10) ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލީ ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ފޮރުވާފައި ހުރި 18.62 ކިލޯގެ ކެނަބިނޮއިޑްސް ކަމަށެވެ.
އެތަކެތީގެ މަގުމަތީގެ އަގަކީ 26 މިލިއަން ރުފިޔާ ކަމަށް ވެސް ބުނެފައިވެ އެވެ.
މި އޮޕަރޭޝަނާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާ އެއްގޮތަށް ކަސްޓަމްސްގެ މުވައްޒަފުން ބޯޑަރު ބެލެހެއްޓުމަށް ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނަށް ފަހު އެ ކަމުގައި ހަރަކާތްތެރިވި ކަސްޓަމްސްގެ އޮފިސަރުން ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ކަސްޓަމްސް
"މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ގާނޫނު ދަނީ އަރާހަމަކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް މި 18 ކިލޯގެ މަސްތުވާތަކެތި ފޮރުވާފައި ހުރި ޝިޕްމެންޓު އެތެރެކުރި ފަރާތާއި އެ މައްސަލައިގައި މީހަކު ހައްޔަރު ކުރިކަން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
މި ޝިޕްމެންޓު އެތެރެކުރި ފަރާތަކީ ކޮން ބައެއްކަން ކަސްޓަމްސްއަށް އެނގޭނެ އެވެ.
މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން އަދި ބަހެއް ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ