އިންޑިއާގެ ފަޒާއާބެހޭ އިދާރާ "އިސްރޯ" އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެއްޖެ
ނިއުދިއްލީ (19 މެއި 2025) : އިންޑިއާގެ ފަޒާއާބެހޭ އިދާރާ "އިސްރޯ" އިން ޖައްވަށް ސެޓަލައިޓެއް ފޮނުވާލަން ކުރި މަސައްކަތަށް ބޮޑު ނާކާމިޔާބެއް ކުރިމަތި ވެއްޖެއެވެ. އިންޑިއަން ސްޕޭސް ރީސާޗް އޮގަނައިޒޭޝަން (އިސްރޯ) ބުނިގޮތުގައި މިއީ އެ އިދާރާއިން ކުރިޔަށް ގެންދާ ފަޒާއާބެހޭ ޕްރޮގްރާމަށް މިފަހަކަށް އައިސް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް މި ކަމުން އަރައިގަނެވޭނެ ކަމަށެވެ. އިސްރޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޖައްވަށް ސެޓަލައިޓެއް ފޮނުވާލަން ކުރި މަސައްކަތް އޭގެ ދެވަނަ މަރުހަލާގައި ނާކާމިޔާބު ވުމުން އެކަން ކުރެވޭގޮތް ނުވި ކަމުގައެވެ. ރިޕޯޓްތައް ބުނާގޮތުން އިސްރޯގެ ފަޒާގެ ރޮކެޓަކުން ޖައްވަށް ފޮނުވަން އުޅުނީ ބިމާބެހޭ ޖިއޮލޮޖިކަލް ދިރާސާތައް ކުރާ ސެޓަލައިޓެކެވެ. އެ ސެޓަލައިޓް ބަހައްޓަން އުޅުނީ ބިމުގެ މަތިން 525 ކިލޯމީޓަރު ދުރުގައިވާ އޯބިޓެއްގައެވެ. މި ސެޓަލައިޓްގެ ނަމަކީ އީއޯއެސް -9 އެކެވެ. ސެޓަލައިޓް ފޮނުވަން ބޭނުކުރި ރޮކެޓްގެ ނަމަކީ ޕީއެސްއެލްވީ-ސީސިކްސް ވަން އެވެ. އިސްރޯއިން މި ސެޓަލައިޓް ފޮނުވާލާފައިވަނީ "ސަޓިޝް ދަވާން ޖައްވީ މަރުކަޒުން" ނެވެ. މިއީ އިންޑިއާގެ އަންދްރާ ޕްރަދޭޝްގެ ސަރަހައްދެއް ކަމަށްވާ ސްރީ ހަރިކޮޓާގައި ހުންނަ ޖައްވީ މަރުކަޒެކެވެ. އަންދްރާ ޕްރަދޭޝްގެ ސްރީހަރިކޮޓާގައި ހުންނަ އިސްރޯގެ "ސަޓިޝް ދަަވާން ޖައްވީ މަރުކަޒު" އިސްރޯގެ ވެރިޔާ ވީ ނަރަޔާނަން ވިދާޅުވިގޮތުގައި މިއީ އިސްރޯއަށް ކުރިމަތިވި ނާކާމިޔާބެކެވެ. ނަމަވެސް ކުރިޔަށްދެވޭނީ ނާކާމިޔާބީތަކާވެސް ކުރިމަތިލައިގެން ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ޖައްވުގެ މަތީ އޯބިޓަކަށް ފޮނުވާލަން އުޅުނު ސެޓަލައިޓް ފޮނުވާލެވޭގޮތް ނުވީ އެކަމަށް ބޭނުންކުރި ޖައްވީ ރޮކެޓް "ޕީއެސްއެލްވީ-ސީސިކްސް ވަން" އޭގެ ތިން ވަނަ މަރުހަލާގައި ފެއިލްވުމުގެ ސަބަބުންނެވެ. ރޮކެޓްގެ ފުރަތަމަ މަރުހަލާ އާއި ދެވަނަ މަރުހަލާ ނިމިގެން ދިޔައީ ކާމިޔާބު ކަމާއެކު ކަމަަށާއި ނަމަވެސް ތިންވަނަ މަރުހަލާގައި ރޮކެޓް މުޅިން ފެއިލް ވީ ކަމަށް އޭނާ ވިދާޅުވިއެވެ. މިއާއެކު ސެޓަލައިޓް ޖައްވުގައި ބެހެޓޭގޮތް ނުވެ މުޅި މިޝަން ވެސް ނާކާމިޔާބުވީއެވެ. ނަރަޔާނަން ވިދާޅުވި ގޮތުގައި ރޮކެޓް އޭގެ ތިން ވަނަ މަރުހަލާގައި ނާކާމިޔާބުވީ ރޮކެޓްގެ ކޮންބަސްޓަން ޗެންބާގައި ހުންނަންޖެހޭ ވަރުގަދަ ޕްރެޝަރު ކުއްލި ގޮތަކަށް ދަށަށް ގޮސްގެން ކަމަށް ވަނީ ބެލެވިފައެވެ. މިކަން މިގޮތަށް ހިނގި ސަބަބު ދެނެގަތުމަށްޓަކައި ޚާއްސަ ތަހުގީގެއް ކުރަން އިސްރޯއިން ވަނީ ނިންމާފައެވެ. މި ތަހުގީގު ކުރާނީ ކަމާބެހޭ އިންޖިނޭރުންނާއި ސައެންޓިސްޓުން އަދި ތަޖުރިބާކާރުން ހިމެނޭ ޓީމަކުންނެވެ. "ޕީއެސްއެލްވީ-ސީސިކްސް ވަން" ރޮކެޓަކީ ޖައްވަށް ސެޓަލައިޓް ފޮނުވުމަށާއި ޖައްވާބެހޭ އެކި ދިރާސާތައް ކުރާ އުޅަނދުތައް ފޮނުވުމަށް އިސްރޯއިން 1990 ގެ އަހަރުތަކުން ފެށިގެން ބޭނުންކުރަމުން ގެންދާ ރޮކެޓެކެވެ. މިއީ ހާލަތަށް ރިއާޔަތްކޮށްގެން އެކި ދުވަސްވަރު ތަރައްގީކޮށް އަޕްގްރޭޑް ކުރަމުން ގެންދާ ރޮކެޓެކެވެ. މިއީ ދިޔާ ފިއުލް އާއި ސޮލިޑް ފިއުލް ވެސް ބޭނުން ކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ރޮކެޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ