ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުން، ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު އދ. އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރީ މި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.
ފަނޑިޔާރުން ވަކިކުރުމުގެ ކުރިން ވެސް އދ. އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމަކު އެކަމަށް ރިއާޔަތްނުކޮށް، ފަނޑިޔާރުން ވަކިކުރުމުން އެ ޖަމިއްޔާއިން ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން އޮތް މިންވަރާ މެދު ސުވާލު އުފައްދާފަ އެވެ.
ބުނީ ކީކޭ؟ - އދ.ގެ ހިއުމަން ރައިޓްސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ:
ދިވެހި ގާނޫނުއަސާސީ އާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ވާޖިބުތަކާ އެއްގޮތަށް، މިނިވަން ޝަރުއީ ނިޒާމެއް ދެމެހެއްޓުމަށް ވައުދުވެފައިވާކަން ހަނދާންކޮށްދެން
މިނިވަން ޝަރުއީ ނިޒާމެއް ހިމެނޭ ގޮތަށް، ދައުލަތުގެ އެކި ގޮފިތައް އެއް ހަމައެއްގައި އޮތުން ނުވަތަ ބެލެންސް ކުރުމަކީ މުހިއްމު ކަމެއް
އެއީ ގާނޫނީ ވެރިކަން ދަމަހައްޓައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެއް
އެނގުން މުހިއްމު - ފަނޑިޔާރުން ވަކިކުރުމުގެ ކުރިން، އެ ބޭފުޅުން ސަސްޕެންޑް ކުރުމުން، އދ. އިން ބުނީ، އެކަމުން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު އދ.އިން ކަންބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ