އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުގެ މައްސަލާގައި ދައުވާކޮށްފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އިން ލަމްހާ ދޫކޮށްލީ މިދިޔަ 12 ނޮވެމްބަރުގަ އެވެ. ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ފުރަތަމަ މައްސަލަ ރަޖިސްޓްރީ ނުކުރި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުން މައްސަލަ ބަލަން ޖެހޭނެ ކަމަށް އަންގައިފަ އެވެ.
ތަފްސީލް - ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ގޯސްކޮށް ކަމާއި ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހެޅުމުން ބަންދާ މެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމީ:
ލަމްހާ ފުރަތަމަ ބަންދު ކުރަން ނިންމި ހާލަތްތައް ބަދަލެއް ނާދޭ؛ ކުށުގެ ބާވަތާއި ކުށް ކުރި ގޮތާއި ޖަމާއަތް ހަދައިގެން އިންތިޒާމުވެގެން ކުށް ހިންގިކަން ފާހަގަކޮށްފައިވޭ
ކުށުގެ ރެކޯޑާއި ބަންދުކުރިއިރު ޒިންމާދާރު ވަޒީފާއެއްގައި ހުރުމަކީ ބަންދުކުރަން ފުރަތަމަ ނިންމިއިރު ވެސް ފަނޑިޔާރަށް ރިއާޔަތްކުރެވެން ހުރި ކަންކަން
ޝަރީއަތް ލަސްވުމަކީ ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ކަމަށް ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ކަމެއް ނޫން ކަން
އެނގުން މުހިންމު - ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ ނޮވެމްބަރު 2023ގަ އެވެ. އެކަމަކު އޭނާ އަލުން ބަންދުކުރަން އެ އަހަރުގެ ޑިސެމްބަރު މަހު ހައި ކޯޓުން އަމުރުކުރުމާ ގުޅިގެން މިދިޔަ 12 ނޮވެމްބަރާ ހަމައަށް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ފަސްމަންޒަރު - 19 އޮކްޓޯބަރު 2021ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުންގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިޔަ އެވެ.
ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އެ އަހަރުގެ 27 އޮކްޓޯބަރުގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން، އެ އަހަރުގެ 16 ޑިސެމްބަރުގަ އެވެ.
ފާހަގަކޮށްލެވޭ - މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ލަމްހާއަކީ މާވިންގެ ސިއްރު ލޯބިވެރިޔާ ކަމަށް ވެ އެވެ.
ލަމްހާ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ