ޝާމިލާ ދެކޮޅަށް އަޒްމިރަލްދާ ފުލުހަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމައިފި
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ފުލުހަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމައިފިއެވެ. އަޒްމިރަލްދާގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް މީގެ ކުރިން "ސަން"އަށް ވިދާޅުވީ، އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް އޭސީސީން ފަށައިފައި ނުވަނީސް ފަނޑިޔާރުގެ މައްޗަށް ތަހުގީގެއް ކުރަމުންދާކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ސިޓީއެއް ފޮނުވައި، ދޮގު މަޢުލޫމާތު ދީފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެހެންވެ، އެ މައްސަލައިގައި ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެެއް ހިންގައިދިނުމަށް މިއަދު ފުލުހުންގެ ޚިދުމަތަށް މައްސަލައެއް ހުށަހަޅުއްވާފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އަޒްމިރަލްދާއަށް ނުފޫޒުފޯރުވުމަށް މަސައްކަތްކުރި މައްސަލައިގައި ވެސް ޖިނާއި ތަހުގީގެއްކޮށްދިނުމަށް އެދި ފުލުހަށް ހުށަަހަޅައިފައިވާ ކަމަށް ޝަމީލް ވިދާޅުވިއެވެ. މިއަދު ޝާމިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، އެ ދެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިއަދު ފޮނުވި ޖަވާބު ހިއްސާކޮށްފައެވެ. https://x.com/IbrahimShameel/status/1909564625659871445 އޭގެ ތެރެއިން ޝާމިލާ ދެކޮޅަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ބުނެފައިވަނީ، އޭސީސީން ހުށަހެޅި ސިޓީއާ މެދު ޖޭއެސްސީން ވަޒަންކޮށް އެއާމެދު ގޮތެއް ނިންމުމުން ނޫނީ، އެއީ ޖިނާއީ ކުށުގެ އަމަލެއްގެ ގޮތުގައި ކަނޑަނޭޅޭނެ ކަމަށެވެ. އެހެންވެ މައްސަލަ ތަހުގީގު ނުކުރަން ނިންމި ކަމަށް ފުލުހުން ބުނެފައިވެއެވެ. ދެވަނަ މައްސަލައާ ގުޅޭ ގޮތުން ބުނެފައިވަނީ، އެ މައްސަލައިގައި ބުނެފައިވާ ގޮތަށް ކަންކަން ހުރި ކަމަށް ބެލެވޭނެ އަދި އެ ކަންކަމާ ގުޅޭ ޖިނާއީ ކުށުގެ އަމަލެއް ހިންގައިފައިވާ ކަމަށް ބަލަންޖެހޭ އެކަށީގެންވާ ސަބަބުތަކެއް ނެތް ކަމަށެވެ. އެހެންވެ އެ މައްސަލަ ވެސް ތަހުގީގު ނުކުރަން ނިންމީ ކަމަށް ފުލުހުން ބުންޏެވެ. އޭސީސީން ތުހުމަތުކޮށްފައިވަނީ އަޒްމިރަލްދާ ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށެވެ. އެއީ، ސްޕާއެއްގައި ހުއްޓައި އޭނާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ހައްޔަރުކޮށް މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރިއިރު، އޭނާ ބަންދުން ދޫކޮށްލުމަށް އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. އަޒްމިރަލްދާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ. އެ މައްސަލައިގައި ޖޭއެސްސީން ވަނީ އަޒްމިރަލްދާގެ އިތުރަށް ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ހުސްނުއްސުއޫދު، މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ސަސްޕެންޑުކޮށްފައެވެ. އޭގެ ފަހުން ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަޒްމިރަލްދާއާއި ސުއޫދު ވެސް ވަނީ ދައުލަތުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާތީ، އެ މައްސަލަ ބެލުން ހުއްޓުވުމަށް ކަމަށް އެ ދެ ބޭފުޅުން ތުހުމަތު ކުރައްވާފައިވެއެވެ. https://sun.mv/203799 އަޒްމިރަލްދާ، ޝާމިލްގެ މައްސަލަ އޭސީސީއަށް ވެސް ހުށަހަޅުއްވާފައިވާއިރު، އެ ކޮމިޝަނުން ވަނީ އެ މައްސަލަ ބަލަން ރެޖިސްޓްރީ ވެސް ކޮށްފިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ