އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި؛ ފަހަތަކަށް ނުޖެއްސޭނެ: ސޯލިހް

ދައުވާތަކެއް ކުރިއަސް އެމްޑީޕީގެ އަޑު ކަނޑުވާނުލެވޭނެ ކަމަށާއި އޮތީ އެ ޕާޓީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދާން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސޯލިހް މިގޮތަށް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލް އާއި އެ ޕާޓީގެ އިސް އެކްޓިވިސް މަރިޔަމް ޒުބައިރު (މަންދީ)އަށް މަދަނީ ދައުވާތަކެއް، ރައީސް މުހައްމަދު މުއިއްޒުގެ އާއިލާގެ ފަރާތުން ކުރުމާ ގުޅިގެން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.ބުނީ ކީކޭ؟ - ސޯލިހް ސިފަކުރެއްވި ގޮތުގައި، އެ ދައުވާތައް ކުރަނީ "ސިޔާސީ ބޭނުމުގައި އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަގްސަދުގަ" އެވެ. އެެއީ "ފިނޑި އަމަލެއް" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއީ އެމްޑީޕީއަށް އާ ކަމެއް ނޫން. އަދި އެފަދަ ކަމަކުން އަޅުގަނޑުމެން ކުޑަކޮށް ވެސް ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެން މިތިބީ އެކަތިގަނޑެއްގެ ގޮތުގައި، ބަދަހިކޮށް. އަދި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ކުރާ މަސައްކަތްތައް ދާނީ ކުރިއަށް،" 2028ގެ ރިޔާސީ ޓިކެޓްގެ ވާދަވެރިކަމުގައި ޕާޓީ ތެރޭގައި ހިޔާލު ފާތުވުންތަކެއް ވެސް އުފެދިފައިވާ ކަމަށް އަޑު ފެތުރިފައިވާ މި ދަނޑިވަޅުގައި ސޯލިހް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ