ފިލްމީ ތަރިއަކާ ކައިވެނި ނުކުރުމަށް މަންމަ ނަސޭހަތްތެރިވި: ސޮހާ

ފިލްމު އިންޑަސްޓްރީގެ އެކްޓަރަކާ ކައިވެނި ނުކުރުމަށް މަންމަ ޝަރުމިލާ ޓެގޯރް ނަސޭހަތްތެރިވި ކަމަށް ބަތަލާ ސޮހާ އަލީ ޚާން ބުނެފިއެވެ. ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި ސޮހާ ބުނެފައި ވަނީ ހަޔާތުގައި މަންމަ ޝަރުމިލާ ދިން ހަމައެކަނި ނަސޭހަތަކީ ފިލްމު އެކްޓަރަކާ ކައިވެނި ނުކުރުމަށް ކަމަށާއި ނަމަވެސް އެކަން ނިމުނު ގޮތް އެންމެންނަށް ވެސް މިހާރު އެނގޭ ކަމަށެވެ. މަންމަ އެ ނަސޭހަތް ދިނީ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަމަށާއި ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ކަންކަން ތަޖުރިބާކޮށްފައިވާތީ ކަމަށް ސޮހާ ވަނީ ބުނެފައެވެ. ފިލްމީ ތަރިއަކާ ކައިވެނިކޮށްގެން އުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ބައެއް ފަހަރު ހިތާ ދެކޮޅަށް ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ނިންމަން މަޖުބޫރުވާ ދަނޑިވަޅުތައް އަންނާނެ ކަމަށް މަންމަ ނަސޭހަތްތެރިވި ކަމަށް ސޮހާ ވަނީ ބުނެފައެވެ. ސޮހާ އަލީ ޚާން ފިރިމީހާ/އެކްޓަރު ކުނާލް ކެމޫއާ އެކު--ފޮޓޯ/ފިލްމުފެއަ ނަމަވެސް އެކްޓަރު ކުނާލް ކެމޫއާ ކައިވެނި ކުރިއިރު މަންމަގެ އެ ނަސޭހަތްތައް ހަނދާން ހުރި ކަމަށާއި ކައިވެންޏަށްފަހު ސޮހާގެ ދިރިއުޅުމުގެ ކަންކަން ދަނީ ވަރަށް އޮމާންކޮށް ކަމަށް، "ރަންގް ދެ ބަސަންތީ"ގެ ބަތަލާ ވަނީ ބުނެފައެވެ. އާންމު ދިރިއުޅުމުގައި އެހެން މީހުން ވެސް ތަޖުރިބާކުރާ އުފާވެރި ދުވަސްތަކާއި، ކަންކަމާ މާޔޫސްވެ ދެ މީހުން ދެ ބަސްވާ ހާލަތްތައް ވެސް އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެއިން އެއްވެސް ހާލަތެއް ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ނުދާ ކަމަށް ސޮހާ ވަނީ ބުނެފައެވެ. އެއްވެސް މީހަކީ ހުރިހާ ގޮތަކުން ރަނގަޅު ސިފަތަކެއް ހުރި މީހަކަށް ނުވާނެ ކަމަށާއި ކައިވެންޏެއް ކާމިޔާބު ވާނީ ދެ މީހުން ވެސް އެކަމަށް މަސައްކަތްކޮށްގެން ކަމަށާއި ކުނާލްގެ ފަރާތުން އެ އެއްބާރުލުން އަބަދުވެސް ލިބޭ ކަމަށް ސޮހާ ވަނީ ބުނެފައެވެ. ކުނާލް އާއި ސޮހާގެ ކައިވެންޏަށް ލިބިފައިވާ އަންހެން ދަރިފުޅު އިނާޔާއާ އެކު ދުވަސްތައް ދެ މީހުން ވެސް ހޭދަކުރަނީ ވަރަށް އުފަލާ އެކު ކަމަށް، "ޗޯރީ 2"ގެ މުހިއްމު ރޯލެއް ކުޅެފައިވާ ބަތަލާ ވަނީ ބުނެފައެވެ. ފިލްމީ ތަރިއަކާ ކައިވެނި ނުކުރުމަށް ކުރީގެ މަޝްހޫރު ބަތަލާ ޝަރުމިލާ ސޮހާއަށް ނަސޭހަތްތެރިވިއިރު ދޮށީ ދަރިފުޅު ސައިފް އަލީ ޚާން ޙަޔާތުގެ ބައިވެރިންގެ ގޮތުގައި ހޮވާފައި ވަނީ ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު ދެ ބަތަލާއިންނެވެ. އެއީ ކުރިގެ ބަތަލާ އަމްރިތާ ސިންގް އަދި ކަރީނާ ކަޕޫރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ