ރަށްރަށުގައި ކުރިއަށް ގެންދަން ފަށާފައި ހުރި އެކަމަކު މިހާރު ހުއްޓިފައިވާ ހުރިހާ މަސައްކަތެއް ވެސް މި މަހާއި އަންނަ މަހު ކުރިއަށް ގެންދަން ފައްޓަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- ދ. އަތޮޅުގެ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މާއެނބޫދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ، ތަރައްގީގެ މަޝްރޫއުގެ ވައުދުތައް އަނެއްކާ ވެސް އާ ކުރައްވާފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން، ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދަން ކަމަށް ވިދާޅުވި އެވެ.
ތަފްސީލު- ހުއްޓިފައިވާ ތަރައްގީގެ މަޝްރޫއުތައް، ކުރިއަށް އޮތް މަސްތަކުގައި ފެށުމަކީ، ދެވަނަ ރިޔާސީ ބަޔާނުގައި ވެސް ރައީސް ވިދާޅުވި ވާހަކަފުޅެކެވެ. މިއަދު އެ ވާހަކަ ތަކުރާރުކުރެއްވީ، މި މަހުގެ ބާކީ އޮތްބައިގައި، އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ފައްޓަވާނެ ކަމަށް ވިދާޅުވަމުންނެވެ.
"އެ ވައުދު އަނެއްކާ ވެސް އަޅުގަނޑު ރިޕީޓް ކޮށްލާނަން. އެއްވެސް ޖެހިލުމެއް ނެތި މި ރިޕީޓްކޮށްލަނީ،" މާއެނބޫދޫގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވި އެވެ.
"މި ރަށާއި ދެން ހުރި ހުރިހާ ރަށެއްގައި ވެސް ހުއްޓިފައިވާ މަސައްކަތްތައް ފަށާނަން."
ރައީސް ވިދާޅުވި ގޮތުގައި:
ބައެއް މަޝްރޫއުތައް މި މަހުގެ މިއޮތް ބާކީ އޮތް ދުވަސްތަކުގައި ފަށާނެ
އަދި ދެން ހުރި މަސައްކަތްތައް، އަންނަ މަހުގެ ތެރޭގައި ފަށާނެ
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު، ކުރީ ސަރުކާރުން ފެށި ގިނަ މަސައްކަތްތަކެއް ހުރީ ހުއްޓިފަ އެވެ. އޭގެ ތެރޭގައި އިންތިހާބާ ދިމާކޮށް އެއްވެސް ބަޖެޓެއް، ޕްލޭނެއް ނެތި ކޮންޓްރެކްޓްކޮށް އެއްގޮތަކަށް ވެސް މަސައްކަތް ނުފަށާ ހުރި މަސައްކަތްތައް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
މި ދެ މަސް ތެރޭގައި ފަށާނެ މަޝްރޫއުތަކަކީ ރައީސް ވިދާޅުވި ގޮތުގައި:
ފެނާއި ނަރުދަމާގެ މަޝްރޫއުތައް
ސްކޫލް އިންފްރާސްޓްރަކްޗާ
ހެލްތު ސެކްޓާގެ މަޝްރޫއުތައް
ކުޅިވަރު ކުޅޭ ތަންތަން
އެއާ އެކު އަލަށް ފަށާ މަޝްރޫއުތައް ވެސް ހިމެނޭހެން ޖުމްލަ 1،045 މަޝްރޫއެއް މި އަހަރު ކުރިއަށް ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެނގުން މުހިއްމު- މާއެނބޫދޫއަށް މިއަދު ރައީސް ވަޑައިގެން، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު އީއައިއޭގެ މަރުހަލާގައި އޮތް އެ މަޝްރޫއު، އެކަން ނިމުމާ އެކު 30 ހެކްޓަރަށް ހިއްކާނެ އެވެ. ބިން ހިއްކަނީ، ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުން އެދޭ ގޮތަށް ދެ ހެކްޓަރު ވަކިން، ވަކި ރަށެއްގެ ގޮތުގަ އެވެ.
ހުއްޓިފައިވާ މަޝްރޫއުތައް މި މަހު ފަށާނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ